Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ލަންކާގައި އާ ކޯލިޝަނެއް

ގުޅިގެން އެކީގައި ސިޔާސީ މަސައްކަތްކުރަން ސްރީ ލަންކާގައި އާ ކޯލިޝަނެއް އުފައްދައިފި އެވެ.

"ސުޕްރީމް ލަންކާ ކޯލިޝަން" ގެ ނަމުގައި އުފެއްދި ކޯލިޝަންގައި ހިމެނެނީ ގާނޫނު ހަދާ މަޖިލީހުގައި މިނިވަން މެމްބަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ނުފޫޒު ގަދަ ބައެއް މެމްބަރުންނެވެ. އޭގެ ތެރޭގައި ވިމާލް ވީރަވަންސާ އުޑާޔާ ގައްމަންޕިލާ، ވަސޫދޭވާ ނަނަޔައްޔަކަރާ އަދި ޓިއްސާ ވިތަރަނަ ހިމެނިވަޑައިގަނެ އެވެ.

"ސުޕްރީމް ލަންކާ ކޯލިޝަން" ގެ ޗެއާމަނަކީ ކުރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ވީރަވަންސާ އެވެ. އަދި ކޯލިޝަންގެ ސެކްރެޓަރީ އަކީ ޑރ. ޖީ ވީރަސިންހެ އެވެ.

ލަންކާގައި އާ ސިޔާސީ ކޯލިޝަނެއް ހެދި އިރު، އެ ގައުމުގެ މިހާރުގެ ރައީސަކީ ރަނިލް ވިކްރަމަސިންހަ އެވެ. އަދި އާ ބޮޑުވަޒީރަކީ ދިނޭޝް ގުނަވަރުދަނާ އެވެ. އާ ސަރުކާރަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގޮތަށް އެކުލަވާލަން ރަނިލް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެކެވެ.

ލަންކާ އަށް މި ފަހުން ކުރިމަތިވި މާލީ އަދި އިގުތިސާދީ ބޮޑުތަދާ އެކު އެ ގައުމުގެ ސީޔާސީ މަސްރަހު ވެސް މި އަހަރުގެ މާޗް މަހުން ފެށިގެން ޖުލައި މަހުގެ މެދަކާ ހަމައަށް ވަރަށް ހަލަބޮއްޔެވެ. ރަނިލް ރައީސް ކަމަށް އިންތިހާބުކުރީ ޖުލައި މަހުގެ 20 ގަ އެވެ.