ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތް މިސަރުކާރަށް ނުބެލުނު ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވެފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله، ޓޫރިޒަމްގެ ޒަރީއާއިން ރާއްޖެއަށް ލިބޭ އާމްދަނީ އަބަދަށް ދެމިގެންދާގޮތެއްގައި ރާއްޖޭގައި ބެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލައި ހުށަހެޅި ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޖާބިރު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ހިމެނޭ "ވަގުން" މިސަރުކާރަށް ނުހިފުނު ކަމަށާއި، މިސަރުކާރުން "ވަގުންނަށް ހިމާޔަތް ދިނީ" ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައީ އެމްއެމްޕީއާރްސީގބެ ހިޔާނާތް ހިންގި މީހުން ވަގުތުން ހައްޔަރުކޮށް، އެ ފައިސާ ދައުލަތަށް އަނބުރާ ނެގާނެކަމަށް ވިދާޅުވުމުން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ވައްކަން ރަނގަޅުކުރަން އައި ސަރުކާރުން ފެއިލްވެފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކިތަންމެ ވަރަކަށް ވިދާޅުވިނަމަވެސް، މިއަދު ގަބޫލުކުރެވޭކަށް ނެތޭ އެމްއެމްޕީއާރްސީގެ މައްސަލަ ބެލެވިއްޖެ ކަމަކަށް، ނުބެލުނޭ. އޭގެން ވައްކަން ކުރި މީހުން އެ ވައްކަން މަތީގައި ދެމި އެތިބީ. ރައްޔިތުން ފަގީރުވަމުންނޭ މިދަނީ." ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން ޖާބިރު ވިދާޅުވީ މިރާއްޖޭގައި ރިސޯޓްތައް ހިންގަނީ ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްގެންތިބި ފަރާތްތަކުން ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ކޮށްފައިވާ އިންވެސްޓްމެންޓްތައް ފުނޑާލާފައިވާ ކަމަށެވެ. މިސަރުކާރު އައިފަހުން ފެންނަނީ ސަރުކާރުން ވިޔަފާރިކުރާތަން ކަމަށާއި، އެގޮތުން ސަރުކާރު ކުންފުނިތައް ބޮޑުވަމުން އަންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ.