މިދިޔަ އަޟުހާ އީދު ފާހަގަ ކުރުމަށް އައްޑޫ ކައުންސިލުން ހިންގި ހަރަކާތުގެ ތަފްސީލު ހާމަ ނުކުރާތީ އެ މައުލޫމާތު ހޯދުމަށް އައްޑޫލައިވްއިން އެދުމުން މައުލޫމާތު ދިނުން އުޒުރު ދައްކައި ފަސްކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "އައްޑޫލައިވް"އިން ވަނީ "އީދި ސަމާ" އަށް ކައުންސިލުން ކުރި ހަރަދު ތަފްސީލު ހޯދުމަށް ހުށަހަޅާފައެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ހުށަހެޅި ފޯމާއި ގުޅިގެން ސެޕްޓެމްބަރ 1 ވަނަ ދުވަހު ކައުންސިލުން ވަނީ އެމައުލޫމާތު 21 ދުވަހުގެ ތެރޭގައި ދެވެން ނެތް ކަމަށް އަންގާފައެވެ.
ކައުންސިލުން ބުނީ އީދި ސަމާ އާއި ގުޅިގެން އައްޑޫލައިވްއިން ހޯދަން ހުށަހަޅާފައިވާ މައުލޫމާތަކީ ކައުންސިލު އިދާރާގެ އެކި ސެކްޝަން ތަކުން މައުލޫމާތު ހޯދައި އިތުރަށް ދިރާސާ ކުރަން ޖެހޭ މައުލޫމާތުކަމަށެވެ. އެހެންވެ ގާނޫނުގައި ބުނާ 21 ދުވަހަށް ވުރެ ގިނަ ދުވަސް ނަގާނެކަމަށެވެ.
އައްޑޫލައިވްއިން ހޯދަން އެދުނު މައުލޫމާތު:
1443 ވަނަ އަހަރުގެ އަޟުހާ އީދު ދުވަހާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާތަކާ ގުޅިގެން ބޭއްވި "އީދި ސަމާ" ހަރަކާތުގައި ޖުމުލާ ހޭދަވި ފައިސާގެ އަދަދުގެ ތަފްސީލު.
1443 ވަނަ އަހަރުގެ އަޟުހާ އީދު ދުވަހާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާތަކާ ގުޅިގެން ބޭއްވި "އީދި ސަމާ" ހަރަކާތަށް ސްޕޮންސާރ ގެ ގޮތުގައި ލިބުނު ފައިސާގެ އަދަދާއި އޭގެ ތަފްސީލު.
1443 ވަނަ އަހަރުގެ އަޟުހާ އީދު ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާތަކާއި ގުޅިގެން ބޭއްވި "އީދި ސަމާ" އަށް ސްޕޮންސާ ހޯދުމަށް އައްޑޫ ކައުންސިލުން އެކި ކުންފުނިތަކަށް ފޮނުވި ސިޓީގެ ކޮޕީ.
1443 ވަނަ އަހަރުގެ އަޟުހާ އީދު ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާ ތަކާއި ގުޅިގެން ބޭއްވި "އީދި ސަމާ"އަށް ސްޕޮންސާރ ދެއްވި ފަރާތްތަކުން ސްޕޮންސާރ ހަމަޖެއްސިކަން އަންގައި އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީތަކުގެ ޖަވާބު (ކުންފުނިތަކުން ކައުންސިލަށް ފޮނުވި ސިޓީގެ ކޮޕީ).
1443 ވަނަ އަހަރުގެ އަޟުހާ އީދު ދުވަހާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާތަކާ ގުޅިގެން ބޭއްވި "އީދި ސަމާ" ހަރަކާތްތަކަށް އައްޑޫ ސިޓީގެ ވަކިވަކި އަވަށްތަކަށް ކުރެވުނު ޚަރަދުތަކުގެ ތަފްސީލު. ކޮންމެ އަވަށަކަށް ފައިސާގެ ގޮތުގައި ދެވުނު އަދަދު އެނގޭނެހެން، ލިޔެކިޔުންތަކާއެކު
1443 ވަނަ އަހަރުގެ އަޟުހާ އީދު ދުވަހާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާތަކާ ގުޅިގެން ބޭއްވި "އީދި ސަމާ" ހަރަކާތްތަކަށް އައްޑޫ ސިޓީއިން ބޭރުން ގެނެވުނު ފަންނާނުންނަށް ކުރި ޖުމުލަ ޚަރަދުތަކުގެ ތަފްސީލު.
1443 ވަނަ އަހަރުގެ އަޟުހާ އީދު ދުވަހާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާތަކާ ގުޅިގެން ބޭއްވި "އީދި ސަމާ" އަށް ހަރަދުކުރުމާއި ގުޅޭ ގޮތުން ކައުންސިލުން ނިންމި ނިންމުން ތައް، އަދި އެ ނިންމުން ނިންމި ކައުންސިލު ބައްދަލުވުމުގެ ޔައުމިއްޔާ.
1443 ވަނަ އަހަރުގެ އަޟުހާ އީދު ދުވަހާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ސިޓީގެ ޖަމިއްޔާތަކާ ގުޅިގެން ބޭއްވި "އީދި ސަމާ" އާއި ގުޅޭ ގޮތުން އައްޑޫ ކައުންސިލުން ކޮށްފައިވާ އިއްލާން ތަކާއި، ލިބިފައިވާ ކޯޜޭޝަން އަދި އިއްލާންތަކުގެ ގެޒެޓު ލިންކު.
އީދިސަމާގެ މައުލޫމާތު ހޯދަން ކައުންސިލަށް ހުށަހަޅާފައިވާ އިރު މިހާތަނަށް މި ހަރަކާތަށް ކައުންސިލުން ކުރި ހަރަދެއް އަދި ލިބުނު ފައިސާގެ އެއްވެސް ތަފްސީލެއް ކައުންސިލުން ހާމަކޮށްގައި ނުވެއެވެ.
އީދި ސަމާގެ ކަންކަން ކައުންސިލުން ކޮށްފައިވަނީ އެެއްވެސް އިއްލާނެއް ބިޑު ކުރުމެއް ނެތި ކައުންސިލުން ބޭނުންވި ބައެއްގެ އަތުން އަގު ހޯދައިގެންނެވެ. އެގޮތުން އީދި ސަމާއަށް ބޭނުންވާ ޓީޝާޓާޢި، ސައުންޑު ލައިޓިން އަށް ކައުންސިލުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.
މީގެ އިތުރުންވެސް ބައެއް ކުޅިވަރުތަކަށް ކައުންސިލުން ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފައެވެ.
އީދި ސަމާއަށް އައްޑޫ ރައްޔިތުންގެ ފައިށާގެ ތެރެއިން ދެ ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ އިރު ސްޕޮންސުން އަތުން 1.5 މިލިއަން ރުފިޔާ ހޯދުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.