Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

އަޅާ ހެދުމަށް ފުރައްސާރަކުރުން ބަލައި ނުގަނެވޭނެ: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީހަކު އަޅާ ހެދުމާ ގުޅިގެން ފުރައްސާކުރުން ބަލައި ނުގަނެވޭނެ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރަން އިސްކަމެއް ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެދުން އަޅާ ގޮތާގުޅިގެން ފުރައްސާރަ ކުރުމަކި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ވަކިން ހާއްސަކޮށް އިސްލާމީ މުޖުތަމައުއެއްގައި ނިޤާބްވެގެން ތިބޭ އަންހެނުންނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއް ނޫން." މިނިސްޓަރު އިމްރާންގެ ޓްވީޓްގައިވެއެވެ.

އިމްރާން ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ މޫނު ބުރުގާ އަޅައިގެން ދިޔަ އަންހެނަކަށް މާލޭގެ މަޖީދީ މަގުން ރޭ ފޮށުނު މައްސަލައެއް ފެންމަތިވެ އެކަމުގައި ގިނަ ބަޔަކު ނުރުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.