Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

މާލޭގައި ބަހުގެ ހިދުމަތަށް ބޮޑު ތަރުހީބެއް

މިނީ ބަހުގެ ހިދުމަތަށް މާލޭން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ފެށި ހިދުމަތުގެ ތެރެއިން ފުރަތަމަ ދެ ދުވަހުގެ ތަފާސްހިސާބުތަކާ އެކީ އޭނާ ވިދާޅުވީ ހިދުމަތުގެ ދެވަނަ ދުވަހު ބަހުން ދަތުރުކުރި މީހުންގެ އަދަދު ފުރަތަމަ ދުވަހާ ބަލާއިރު ނިސްބަތުން އިތުރުވެފައިވާ ކަމަށެވެ. ބަހުގެ ހިދުމަތް ފުރަތަމަ ދުވަހު 2،257 މީހަކު ހޯދި އިރު، ދެވަނަ ދުވަހު 3،255 މީހަކު ހޯދި އެވެ.

ތޮއްޖެހުން ކުޑަ ކުރުމަށާއި ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ދެވޭ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމަކަށް އިންތިހާ އަށް ބޭނުންވެފައިވާ މާލެގައި މިނީ ބަހުގެ ހިދުމަތް ފެށުމާ އެކީ ގިނަ ބަޔަކު މި ވަނީ މި ހިދުމަތް ބޭނުން ކުރަން ފަށައިފަ އެވެ.

ބަހިގެ ހިދުމަތަށް ތިން ރޫޓެއްގައި މުޅި މާލެ ކަވަރު ކުރެވޭ ގޮތަށް މާލޭގެ މައި ހަތަރު މަގެއްގައި 42 ބަސް ސްޓޮޕް އެވެ. އަދި ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހަކު ފަތިހު 05:45 އިން ރޭގަނޑު 12:15 އާ އަށެވެ. މިނީ ބަހުގެ ޚިދުތާ ބެހޭ ގޮތުން ގިނަ މީހުން ބުނެފައި ވަނީ މިއީ މިފަދަ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް މާލޭގައި ކޮންމެހެން ވެސް އޮންނަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އެމްޓީސީސީން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ފަށާފައިވާ ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތްވެސް އިތުރަށް ހަރުދަނާކޮށް މުޅި ރާއްޖެ އެކީއެކަށް ގުޅާލުމެވެ.

ބަހުގެ ހިދުމަތް ހޯމަ ދުވަހު މާލޭގައި ފެށި އިރު، ދެ ހަފުތާ ވަންދެން މުޅިން ހިލޭ ދަތުރުކުރެވޭނެ އެވެ. އޭގެ ފަހުން ބަސް ދަތުރަކަށް ނަގާނީ 7ރ. އެވެ. އެކަމަކު ސްކޫލް ދަރިވަރުންނާއި ތިން އަހަރުގެ ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންގެ އިތުރުން ހާއްސަ އެހީ އަޑް ބޭނުންވާ މީހުންނަށް އަބަދު ވެސް ހިލޭ ހިދުމަތް ހޯދޭނެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމުގެ ކުރިން މިދިޔަ މަހު މި ހިދުމަތް އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ފަށާފައިވެ އެވެ.