Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ނަޕޯލީ އަތުން ލިވަޕޫލަށް ލަދުވެތި ބައްޔެއް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ ނަޕޯލީ އަތުން 4-1 އިން ލިވަޕޫލް ބަލިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ލައްވާލާފައިވަނީ ނަޕޯލީ އާއި އަޔެކްސް އަދި ރޭޖަންސްއާއެކު ގްރޫޕް އޭ ގަ އެވެ. މި ގްރޫޕްގައި ރޭ އަޔެކްސް އިން ވަނީ 4-0 އިން ރޭންޖާސް ބަލިކޮށްފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ނަޕޯލީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފަސްވަނަ މިނެޓްގައި ޕެނަލްޓީއަކުން ޒީލެންސްކީ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ޕެނަލްޓީ ނަޕޯލީ އަށް ލިބިފައިވަނީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ތެރެއިން ޖޭމްސް މިލްނާގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

މެޗުގެ 18 ވަނަ މިނެޓްގައި ނަޕޯލީ އަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ފޯވާޑް ވިކްޓަ އޮސިމެން ފޮނުވާލި އެ ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފަ އެވެ. އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 31 ވަނަ މިނެޓްގައި ޒަމްބޯ އަންގުއިސާ ވަނީ ނަޕޯލީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖިއޮވާނީ ސިމިއޯނީ ވަނީ ނަޕޯލީގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ނަޕޯލީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޒީލެންސްކީ ވަނީ ނަޕޯލީގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށްފަހު ވެސް ނަޕޯލީ އަށް ވަނީ ދެވަނަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. މި މެޗުގައި ލިވަޕޫލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އިން ވަނީ އަމިއްލަ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެންގެ މައްޗަށް 5-1 އިން ކުރި ހޯދާފަ އެވެ. މި މެޗުގައި ބާސާގެ ތިން ގޯލް ކާމިޔާބުކޮށްދީ ރޮބަޓް ލެވެންޑޯސްކީ ހެޓްރިކެއް ހަދާފައިވާއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ކެސީ އާއި ފެރަން ޓޮރޭސް އެވެ.

ބަޔާން މިއުނިކުން 2-0 އިން އިންޓަ މިލާން ބަލިކުރިއިރު ޓޮޓެންހަމް އިން ވަނީ އަމިއްލަ ދަނޑުގައި މާސޭގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ.