Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

މާލެ އަކީ މުނިފޫހި ފިލުވަންދާ ވަރުގެ ތަނެއްތޯ؟

މާލެ އަކީ ބަޔަކު މުނިފޫހި ފިިލުވަން ދާވަރުގެ ތަނެއްތޯ އައްސަވައި އައްޑޫ މޭޔަރު އަލީ ނިޒާރު އެކަމާ ސުވާލު އުފައްދަވައިފި އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި "މުނިފޫހި ފިލުވަންކުރާ ހިޖުރަ ނިމުމަކަށް ގެންނަން ޖެހޭ" ކަމަށެވެ. އަދި އެކަން ކުރެވޭނީ އަތޮޅުތެރޭގެ ކުރިއެރުންތަކަށް ދޫދީގެން ކަމަށް ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީ ބޮޑު ސަރަހައްދުގެ މޭޔަރު ވިދާޅުވި އެވެ.

"އަތޮޅުތެރޭގެ ތަރައްގީ އަށް ދޫދެއްވައި އާމްދަނީގެ ހިއްސާ ބޮޑުކުރައްވައި، އަސްލު މައްސަލަ ބައްލަވަން މަޝްވަރާކުރެވިގެން މާލެ އަށް މުނިފޫހި ފިލުވަންކުރާ ހިޖުރަ ނިމުމަކަށް ގެންނަން ޖެހޭ،" ނިޒާރު ވިދާޅުވި އެވެ. "އެހެން ނޫނަސް މާލެ އަކީ މުނިފޫހި ފިލުވަން ދާރުގެ ތަނެއްތޯ؟"

އޭނާ މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ދުވަހުގެ ޖަލްސާގައި މާލެއާ އެއް އަގެއްގައި ރަށްރަށުގައި ވެސް ވިޔަފާރިތަކަށް އެއް ރޭޓަކުން ކަރަންޓު ދިނުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށް ދިޔަ ދަނޑިވަޅުގައި ހިޖުރަކުރުމާ ގުޅޭ ގޮތުން ކަންބޮޑުބުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ ރަށްރަށުގެ މީހުން މާލެ ބަދަލުވަނީ އެ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތެއް ނެތުމުން ކަމަށް ބެލެވޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރަށްރަށުން މީހުން މާލެ އަށް ހިޖުރާ ކުރާ ސަބަބުތަކުގެ ތެރޭގައި ތަފާތު އެހެން ސަބަބުތައް ވެސް ހިމެނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް މިހާރު ވަންނަ ސުވާލަކީ ކީއްވެގެންތޯ ރަށްރަށުން މީހުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ މުނިފޫހި ފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއި މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާ ބޮޑަށް ޝައުގުވެރިވާ ކަމަށް،" ނަޝީދު ވިދާޅުވި އެވެ. "ރޫރަލް ދިރިއުޅުމަށް ނުވަތަ ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލު ނޭނބުރޭކަން. މި ބާވަތުގެ އެތައް ކަމެއް އެބަ ހިމެނޭ."

ނަޝީދު ވިދާޅުވި ގޮތުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އާންމު ހިދުމަތްތައް ރަށްރަށަށް ފޯރުކޮށްދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އެކަން ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހިޖުރަކުރާ މިންވަރަށް ބަދަލު ނާންނަ ކަމަށާއި އަދި އެކަމާ ގުޅޭ ގޮތުން ވިސްނުން ފުޅާކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.