Last Updated: May 8, 20:35
Wednesday, May 8, 2024
ދުނިޔެ

ކެނެޑާގެ ދެވަނަ ގާތިލު ވެސް މަރުވެއްޖެ

ކެނެޑާގައި ތޫނު އެއްޗަކުން ހަމަލާދީ 10 މީހަކު މަރާލި މައްސަލައިގައި ޝައްކު ކުރެވޭ ދެވަނަ މީހާ، މައިލްސް ސެންޑާސަން ފުލުހުންގެ ބެލެމުގައި ވަނިކޮށް މަރުވެއްޖެ ކަމަށް ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް އިން ބުނެފި އެވެ.

ޖޭމްސް ސްމިތު ކްރީ ނޭޝަން އަދި ވެލްޑަންގައި ދިން މި ހަމަލާތައް ދިންކަމަށް ތުހުމަތު ކުރެވެނީ ދެބެއިން ކަމަށްވާ މައިލްސް އަދި ޑޭމިއަން ސެންޑާސަންއަށެވެ. މިދިޔަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި މީހުންގެ ތެރެއިން ޑޭމިއަން ސެންޑާސަން މަރާލާފައި އޮއްވާ ފެނިފައިވެ އެވެ.

މައިލްސް ސެންޑާސަން އަކީ ނުރައްކާތެރި ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށާއި، އޭނާގެ ގިނަ ކުށްތައްކޮށްފައި ވަނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށް ކެނެޑާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ތޫނު އެއްޗަކުން ހަމަލާދީ އެތައް މީހުންނެއް އޭނާ މަރާލާފައި ވަނީ ޕެރޯލްގައި މުޖްތަމަޢުތެރެއަށް މީނާ ދޫކޮށްލެވިފައި ހުއްޓާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ސަސްކަޗެވާން ޕްރޮވިންސްގެ ރޯޔަލް ކެނެޑީއަން މައުންޓެޑް ޕޮލިސް (އާރުސީއެމްޕީ) އިން ބުނި ގޮތުގައި ހަތަރު ދުވަސްވަންދެން އެ ގައުމުގެ ފުލުހުން ހޯދަމުން އައި އެ މީހާ ފެނުނީ ތޫނު އެއްޗަކުން ހަމަލާދީ 10 މީހަކު މަރާލި،ސް ސްމިތު ކްރީ ނޭޝަން އަދި ވެލްޑަންއާ ގާތްގަނޑަކަށް 130 ކިލޯމީޓަރު ދުރުގައި އޮންނަ ރޮސްތާން ކިޔާ ހިސާބަކުން ކަމަށެވެ.

މައިލްސް ސެންޑާސަން ހައްޔަރުކޮށްފައި ވަނީ ފިލައިގެން ދިޔުމަށް މަސައްކަތްކުރަނިކޮށް ހައިވޭއެއްގައި އޭނާގެ ދުއްވަން އިން ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގެންނެވެ.

އޭނާ މަރުވެފައި ވަނީ ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވެ އޭނާ "މެޑިކަލް ޑިސްޓްރެސްއަކަށް" ދިޔުމުން ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަސްކަޓޫން ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ކަމަށް ވެސް ސަސްކަޗެވާން އާރުސީއެމްޕީގެ އެސިސްޓެންޓް ކޮމިޝަނަރު ރޮންޑާ ބްލެކްމޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.