Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

މޮނިއުމަންޓެއްގައި ކެއުމުން ޖޫރިމަނާއެއް

އިޓަލީގެ ރޯމްގެ މަގެއްގެ މަތީގައި ހުރި ފެންއަރުވާ ވަޑާމެއްގެ ވައިގެން ރާނާއިން ގާފޮޅެއްގެ މަތީގައި އިށީނދެގެން އިނދެ ކައިބޮއި ހެދި އެމެރިކާގެ ޓޫރިސްޓަކު 450 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ދަންވަރު ޖޫރިމަނާކުރި މީހާ އަކީ އެމެރިކާގެ 55 އަހަރުގެ ފިރިހެނެކެވެ. އޭނަ ފެންއަރުވާ ވަޑާމުގެ ގާފޮޅުމަތީގެ އިށީނދެގެން އިނދެ ކާ ތަން އެ ވަގުތު އެ ސަރަހައްދު ޕެޓްރޯލްކުރަން އުޅުނު ފެނުމުން ފުލުހުން އެކަން ހުއްޓުވައި، މަނާކޮށްފައިވާ އޮތް ކަމެއް ކުރީތީ ޖޫރިމަނާކުރީ އެވެ.

އެ ފެންއަރުވާވަޑާމަކީ މޮނިއުމަންޓެއްގެ ގޮތުގައި ރޯމްގެ މަގެއްގެ މަތިގައި ހުންނަ ފޮންޓާނާ ޑި ކެޓެކުމޭނީ އެވެ. ތާރީހީ އެއްޗެއްގެ ގޮތުގައި ވެސް ބަލަހައްޓަމުން އަންނަ އެ މޮނިއުމަންޓަކީ 1588-1589 އާ ދޭތެރޭ ހަދާފައިވާ އެއްޗެކެވެ. އަދި އެންމެ ފަހުން އެ މަރާމާތުކޮށްފައި ވަނީ 1997 ގަ އެވެ.

ފޮންޓާނާ ޑި ކެޓެކުމޭނީ އަކީ 1970 ގެ ތެރޭގައި ހިމާޔަތްކޮށް، އޭގެ ފަހުން ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ އެއްޗެކެވެ. އަދި އިޓަލީގައި ހުންނަ މިފަދަ މޮނިއުމަންޓްތަކަކީ ވަރަށް ބޮޑު ހާއްސަ ކަމެއް ދެވިފައިވ ތަންތަނެވެ.

އެހެންވެ އެފަދަ ތަންތަނުގައި ކުރަން މަނާކޮށްފައިވާ ކަންކަން ކުރާ ނަމަ ޖޫރިމަނާކުރުމާއި 48 ގަޑިއިރަށް އެ މީހަކު އެތަނަކަށް ނުވަދޭ ގޮތް ހެދުމާއި ކުށް ތަކުރާރުކުރާ މީހުން އެ ސަރަހައްދުތަކަށް ޒިޔާރަތްކުރުން 60 ދުވަހަށް މަނާކުރުން ފަދަ ފިޔަވަޅުތައް އެލޫމުގެ ބާރު ފުލުހުންނަށް ދީފައިވެ އެވެ.