Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

މެމްބަރުންގެ އަދަދު ލިމިޓަކީ ރައީސްގެ ވިސްނުމެއް: މިއުވާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހުގެ ބައެއް މެމްބަރުންނާއެކު- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި ލިމިޓެއްގައި ބެހެއްޓުމަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުމެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ރައީސް ދެކެވަޑައިގަންނަވާގޮތާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. ޤާސިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ކަނޑައެޅުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުގަ، ރައިސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ކޮންމެސްވަރެއްގެ ލިމިޓެއް އޭގައި އަންނަންޖެހޭކަމަށް." މިއުވާން ވިދާޅުވިއެވެ.

މެމްބަރުންގެ އަދަދު ލިމިޓެއްގައި ބެހެއްޓުމަށް ވިސްނެވިނަމަވެސް މަޖިލީހުގެ މެމްބަރުންގެ އަދަދަކީ ކިހާވަރެއްކަން އެއީ ސިޔާސީ ޕާޓީތަކާއި ހުރިހާ ފަރާތްތަކާ މެދު މަޝްވަރާ ކުރެވިގެން ނިންމަންޖެހޭ ނިންމުމެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

އެހެންނަމަވެސް މެމްބަރުންގެ އަދަދު ވަކި ލިމިޓެއްގައި ބެހެއްޓުމަކީ ރައީސްގެ ވިސްނުންފުޅެއްކަމަށް ވިދާޅުވިއެވެ.

ޤާސިމް އިބްރާޙިމް އިސްލާހު ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 71 އަދި 72 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެގޮތުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ އަދަދަކީ 87 ކަމުގައި ކަނޑައެޅުމަށެވެ. އަދި މެމްބަރުން އިންތިހާބު ކުރާނި 87 އިންތިހާބީ ދާއިރާގެ ތެރެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރު އިންތިހާބު ކުރުމަށެވެ.