ރާއްޖެ އަށް ޗުއްޓީ އަށް އަންނަ މީހުން މިހާރަށް ވުރެ ބޮޑަށް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި، ސިމްޑީން ލަގްޒަރީ އެއާލައިނެއް ލޯންޗްކުރަން ތައްޔާރުވާން ފަށައިފި އެވެ.
ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިންގެ ގޮތުގައި ލޯންޗްކުރާ މި އެއާލައިނަކީ ސިމްޑީ އާއި ޔޫއޭއީގެ މަޝްހޫރު ކުންފުނި އަރަބެސްކް ގުޅިގެން ލޯންޗްކުރަން ހަމަޖެހިފައިވާ އެއާލައިނެކެވެ. މިކަމުގައި އެއްބަސްވުމުގައި ވެސް މިހާރު ދެ ކުންފުނިން ސޮއިކޮށްފައިވާ އިރު، މިއީ ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރިފައިވާތީ އެ ދާއިރާގެ ދަތުރުފަތުރަށް އިތުރު ފުރިހަމަ ކަމެއް ގެންނަން އުފައްދާ އެއާލައިނެކެވެ.
މިކަމާ ބެހޭ ގޮތުން ސިމްޑީން ބުނީ ލަގްޒަރީ އެއާލައިން ވާނީ ދިގު ދަތުރުތައްކުރަން ލޯބިކުރާ މީހުންނަށް ރާއްޖެ އަންނަން ކުރާ ދަތުރު ވަރަށް ހިތްގައިމުކޮށް ދޭނެ އެއާލައިނަކަށް ވާނެ ކަމަށެވެ.
ސިމްޑީ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހިމް މުހައްމަދުދީދީ ވިދާޅުވި ގޮތުގައިއަލަށް ތައާރަފުކުރާ އެއާލައިނާ އެކީ ދުނިޔޭގެ އެކި ހިސާބުތަކުގެ 60 މަންޒިލަކަށް ދަތުރުތައް ކުރާނެ އެވެ. އަދި އެ އެއާލައިނާ އެކީ ރާއްޖެ ދަތުރުފަތުރާއި ޓޫރިޒަމްގެ އިންޑަސްޓްރީ އަށް އި އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
އަރަބެސްކުގެ ސީއީއޯ އުމަރު ސަލީމް ވިދާޅުވީ ދުނިޔޭގައި އަލަށް ތައާރަފުކުރާ ލަގްޒަރީ އެއާލައިންގެ މަސައްކަތުގައި ހިއްސާވާން ލިބުނު ފުރުސަތަކީ ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ސަރުކާރާގެ ކަމާބެހޭ އިދާރާތަކާ އެކު، އެ އެއާލައިން ލޯންޗުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެއާލައިންގެ ނަމާއި އެ ލޯންޗްކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ވަރަށް ފުޅާކޮށް، އެކި ވިޔާފަރި ހިންގާ ސިމްޑީ އަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ ކުންފުންޏެކެވެ.