މިދިޔަ މަހު 1.32 ބިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފި އެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.9 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓް 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 5.4 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް މީރާއިން މައުލޫމާތުދެ އެވެ. މި ކަމުގެ ސަބަބުން ޓި.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ. އޮގަސްޓު 2022 ގެ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ކުރީގެ ޑެޑްލައިންތަކުގައި ލިބެންޖެހޭ އާމްދަނީ އޮގަސްޓު މަހުގައި ލިބިފައިފުން ހިމެނޭ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2022 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޮގަސްޓު 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ އޮގަސްޓު 2021 ގައި ލިބިފައެއް ނުވެ އެވެ.
އޮގަސްޓު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 645.81 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 263.86 މިލިއަން ރުފިޔާ އެވެ. އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.50 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 73.09 މިލިއަން ރުފިޔާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.43 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 196.28 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 46.10 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.