Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ރާނީގެ ސިއްހީ ހާލުކޮޅު ގޯސްވެއްޖެ

އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ސިއްހީ ހާލުކޮޅު ގޯސްވެއްޖެ އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނީ ރާނީގެ ސިއްހީ ހާލުކޮޅާއި މެދު ޑޮކްޓަރުން ކަންބޮޑުވާ ކަމަށާއި އެގޮތުން ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ހުންނަވަން ރާނީ އަށް ލަފާދީފައިވާ ކަމަށެވެ.

ރާނީ މިވަގުތު ހުންނެވީ ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގައި ކަމަށްވާއިރު ރާނީގެ އަރިހަށް ވަޑައިގަންނަވަން އާއިލީ ބޭފުޅުން މިހާރު ދަތުރު ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެތެރޭގައި ޕްރިންސް ޗާލްސްގެ ދެކަނބަލުންނާއި ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީގެ ދެކަނބަލުން ހިމެނެ އެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު ރޭ ބާއްވަން ހަމަޖެހިފައި އޮތް މުހިއްމު އޮންލައިން ބައްދަލުވުމެއް ފަހު ވަގުތު ވަނީ ކެންސަލް ކުރައްވާފަ އެވެ.

މި އަހަރުގެ ކުރީކޮޅު ރާނީ ކޮވިޑް-19 އަށް ވެސް ޕޮޒިޓިވްވިއިރު ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން ބައެއް މުހިއްމު ބައްދަލުވުންތަކުގައި ވެސް ރާނީ މިއަހަރުތެރޭ ބައިވެރިވެފައެއް ނުވެ އެވެ.