ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމަށް ބްރައިޓަން އަށް އިރުޝާދު ދެމުން އައި އިނގިރޭސިވިލާތުގެ ކޯޗު ގްރަހަމް ޕޮޓާ ހަމަޖައްސައިފި އެވެ.
ޗެލްސީގެ ކޯޗުގެ މަގާމު ހުސްވީ އިއްޔެ ކުރިން އެ ޓީމަށް ކޯޗުކޮށްދިން ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމުންނެވެ. ޕޮޓާ ޗެލްސީއާ ހަވާލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ބްރައިޓަންގެ ކޯޗުކަމާ ޕޮޓާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅެ ބްރައިޓަން ފުރަތަމަ ދެ ސީޒަން ނިންމީ އިނގިރޭސި ޕްރިމިއާ ލީގުގެ 15 އަދި 16 ވަނައިގަ އެވެ. މިދިޔަ ސީޒަނުގައި ބްރައިޓަން އިން ލީގުގެ 9 ވަނަ ހޯދިއިރު މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗަކުން ބަލި ނުވެ ބްރައިޓަން އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ.
ލީގުގައި މިހާތަނަށް ހަ މެޗު ކުޅެ ނިމުނުއިރު ޗެލްސީ އޮތީ ލީގުގެ ހަވަނައިގަ އެވެ. ހަ މެޗުގެ ތެރެއިން ތިން މެޗުން ޗެލްސީ މޮޅުވިއިރު ދެ މެޗުން ބަލިވެފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޗެލްސީ ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އަތުން 1-0 އިން ބަލިވެފަ އެވެ.
މި ސީޒަނާއި ޗެލްސީން ކުރިމަތިލީ ޓްރާންސްފާ މާކެޓުގައި ބޮޑު ހޭދައެއްކުރުމަށްފަހު އެވެ. އެގޮތުން ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގެނައުމަށް ޗެލްސީގެ އާ އޯނަރުން ވަނީ 255.3 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ.
ލީގުގައި އަންނަ ހޮނިހިރު ދުވަހު ޗެލްސީ ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.