Last Updated: June 12, 22:51
Friday, June 12, 2026
ވިޔަފާރި

ޑީއެންޕީގެ "އިކޮނޮމިކް ސާވޭ" އައްޑޫގައި ކުރިއަށް

ފޭދޫ "3 އެސް" ފިހާރަ އިން ބިދޭސީންތަކެއް ވިޔަފާރި ކުރަނީ. ފޮޓޯ/ 3 އެސް ގްރޫޕް

ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން(ޑީއެންޕީން) އިން ކުރިއަށްގެންދާ "އިކޮނޮމިކް ސާވޭ" އައްޑޫގައި ފަށައިފި އެވެ.

ޑީއެންޕީން ކުރިއަަށް ގެންދާ މި ސާވޭއަކީ ރާއްޖޭގެ އިގްތިސާދީ ތަފާސް ހިސާބު އެއްކުރުމުގެ ގޮތުން ކުރިއަށްގެންދާ ސާވޭއެެއް ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ "އިކޮނޮމިކް ސާވޭ" އައްޑޫގައި މިހާރު ކުރިއަށް ގެންދާ އިރު މިއީ ރާއްޖޭގައި ކުރެވޭ މިފަދަ ދެ ވަނަ ސާވޭ ކަމަށް ވެސް ޑީއެންޕީން ބުންޏެވެ. "އިކޮނޮމިކް ސާވޭ" އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ސާވޭގެ މަސައްކަތް އަންނަ މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އިރު ސާވޭގައި ތިން ސުވާލު ކަރުދާހެއް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ މުޅި ރާއްޖޭގެ ހުރިހާ މަސައްކަތް ހިންގާ ތަންތަނުގެ ލިސްޓް ނެގުމާއި، ކުންފުނިތަކާއި އެ ތަންތަނުގެ ދަށުން މަސައްކަތް ހިންގާ ތަންތަނުގެ އަސާސީ މައުލޫމާތާއި، މަސައްކަތްތައް ހިންގާ ތަންތަނުގެ ތަފްސީލް މައުލޫމާތު ހުމެނޭ ސުވާލު ކަރުދާހެކެވެ.

ޑީއެންޕީން ކުރިއަށް ގެންދާ މި ސާވޭގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކިއެކި އިންޑަސްޓްރީތަކުގައި ހަރަކާތްތެރިވާ މަސައްކަތް ހިންގާ ތަންތަނުގެ އުފެއްދުންތެރިކަމާއި ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ހިއްސާ ކުރާ މިންވަރު ފުރިހަމަ އަށް ދެނެގަތުމެވެ. އަދި ޖީޑީޕީގެ އަންދާޒާ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން ރީބޭސްކުރުމާއި ސަޕްލައި އެންޑް ޔޫޒް ޓޭބަލް އެކުލަވާލުމުގެ އިތުރުން ތަންތަނުގައި ކުރާ މަސައްކަތާއި މުވައްޒަފުންގެ އަދަދު ފަދަ މައުލޫމާތު އެއްކުރުން ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

"އިކޮނޮމިކް ސާވޭ" 2007 ގެ ނަތީޖާ ދައްކާ ގޮތުން އިގްތިސާދުގައި 41،550 މަސައްކަތް ހިންގާ ތަންތަނުގައި، 191،515 މުވައްޒަފުން މަސައްކަތް ކުރަމުން ގޮސްފައި ވެ އެވެ. މީގެ ތެރެއިން 76 ޕަސެންޓަކީ ދިވެހިންނަށް ވާ އިރު، 24 ޕަސެންޓަކީ ބިދޭސީންނެވެ.