ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ބަސްތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އެމްޓީސީސީގެ ބަސް ޕްރޮޖެކްޓް: 222 މިލިޔަނުގެ ކޮރަޕްޝަނެއް" މި ސުރުހީގެ ދަށުން "ދިޔަރެސް" ނޫހުގައި ޝާއިރުކޮށްފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެމްޓީސީސީން ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުން މާލެއަށް ތައާރަފުކުރި ބަހުގެ ހިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދިޔަ ނަމަވެސް މިކަން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް އަދި ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި، "ދިޔަރެސް" ނޫހުގައި މިއަދު ޝާއިއު ކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.
އެ ހަބަރުން، ރައްޔިތުންގެ ހިތުގައި ކުންފުންޏަށާއި، އެ ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ކުންފުނިން ފޯރުކޮށްދެމުން ގެންދާ އާންމު ދަތުރުފަތުރުގެ ހިދުމަތާމެދު، އުފެދިފައިވާ އިތުބާރާއި، ލޯބި ފަނޑު ކޮށްލަން، ގަސްތުގައި މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ވަނީ އެއީ ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުން ހިންގި، ވަރަށް ނާތަހުޒީބު އަމަލެއް ކަމަށްވެސް ބުނެފަ އެވެ. އަދި މިކަން ކުރުމުގެ މަގުސަދަކީ، ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިއަ ނަމަވެސް، މީޑިއާގެ ވަސީލަތް ތަކުން، ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުން ގެންދާކަމަށާއި އޭގެ އިތުރުން، ކުންފުނި ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި، ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، ދޮގު ހަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.