Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސިޓީ ކައުންސިލުން ކުނި އުކާނަމަ މާ ހަރަދުބޮޑުވާނެ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި - ފޮޓޯ: ޕީއެސްއެމް

މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ ހަރަދުގައި ކުނި އުކާނަމަ މިހާރަށް ވުރެ މާ ހަރަދުބޮޑުވާނެ ކަމަށް ބުނެ ވެމްކޯ އިން ބުނެފި އެވެ.

ވެމްކޯ އިން މިހެން ބުނެފައިމިވަނީ މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ސިޓީ ކައުންސިލުން މިއަދު ނިންމުމާ ގުޅިގެންނެވެ. ކައުންސިލުން ނިންމީ އެއްބަސްވުމުގެ ތާރީހު ޑިސެންބަރަށް ހަމަވުމުން އެކަން ކައުންސިލުން އަމިއްލައަށް ކުރިއަށް ގެންދާށެވެ.

ވެމްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ބޮޑު ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ވެހިކަލްތައް މަރާމާތުކުރުމާއި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ކުރަންޖެހޭ ހަރަދަށް އެއްވެސް ވަރަކަށް ސިޓީ ކައުންސިލުން ރިޔާއަތްކޮށްފައި ނުވާ ކަމަށެވެ. އަދި 100 މުވައްޒަފުންނާއެކު މިކަންކުރެވޭނެ ކަމަށް ބުނި ބުނުމަކީ ވެމްކޯގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ވަޒީފާއާމެދު ސުވާލު އުފެދިފައިވާ ކަމެއް ކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯއަކީ 100 އިންސައްތަ ދިވެހި މުވައްޒަފުން ހަރަކާތްތެރިވާ ކުންފުންޏަކަށްވާއިރު ސިޓީ ކައުންސިލްގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި އެތައް ބިދޭސީންނެއް ހަރަކާތްތެރިވަމުންދާކަން ވެމްކޯ އިން ފާހަގަކޮށްފައިވެ އެވެ.

ވެމްކޯ އިން ވަނީ ސިޓީ ކައުންސިލުގެ އަމިއްލަ އުޅަނދުތަކުގައި މިމަސައްކަތް ކުރާނަމަ މަހެއްގެ މައްޗަށް އެތައް ސަތޭކަ ދަތުރެއް ކުނި އުފުލުމަށް ހޭދަކުރަންޖެހޭނެކަމަށް ވެސް އަންދާޒާކޮށްފަ އެވެ.

"ކުނި މާލޭ ވޭސްްޓް ޓްރާންސްފާ ސްޓޭޝަން ހިދުމަތް ބޭނުންކޮށްގެން އުކާލުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭނެ އެވެ. އަދި ކައުންސިލުން ސީދާ ތިލަފުއްޓަށް މި ކުނި ގެންދާނަމަ، އެ ކަމަށް ކުރަން ޖެހޭ ހަރަދު ތިން ގުނަ ގިނަ ވާނެ އެވެ." ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ވެމްކޯ އިން ވަނީ ރައްޔިތުންގެ ހިދުމަތުގައި އިންތިހާބުވެގެން ތިބި މަންދޫބުންތަކެއް ދައްކާފައިވާ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް، އެކުންފުނީގެ ނަން ކިލަނބުކުރުމަށް ދެއްކި ވާހަކަތަކެއްކަން ފާހަގަކޮށް އެވާހަކަތައް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.