އިނގިރޭސި ރާނީ ކުއީން އެލިޒަބަތް އަވަހާރަވުމުން ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރާނީ އަވަހާރަވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.
ރާނީ އަވަހާރަވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގަ އެވެ. ރާނީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.