މުސާރަ ނުދޭތީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ އިސްތިއުފާ ދީފި އެވެ.
ކޮސްޓާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ފީފާގެ ގަވާއިދުތަކާ އެއްގޮތަށް މަގާމުން އިސްތިއުފާ ދިނީ އެފްއޭއެމުން ދޭންޖެހޭ މުސާރަ ލިބިފައި ނުވާތީ ކަމަށެވެ. އެގޮތުން ފާއިތުވި ހަތް މަސް ދުވަހު ވަރަށް ކެތްކޮށްގެން ހުރި ކަމަށާއި މިއަހަރުގެ ޖެނުއަރީ އަށްފަހު މުސާރަ ލިބިފައި ނުވާ ކަމަށް ކޮސްޓާ ބުނެފައިވެ އެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހުމުން ދެރަވާ ކަމަށާއި މުސާރައާ ގުޅޭގޮތުން އެފްއޭއެމުން އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށްވެސް ކޮސްޓާ ބުންޏެވެ.
ކޮސްޓާ އިތުރަށް ބުނީ އޭނާގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން ރާއްޖޭގެ ޓީމަށް ރަނގަޅު ނަތީޖާ ނެރެދެން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި އެފްއޭއެމްގެ ފަރާތުން ވެސް އޭނާގެ މަސައްކަތް ބަލައިގަތް ކަމަށާއި އެގޮތުން އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ޝައުގުވެރިކަން އެފްއޭއެމުން ފާޅުކުރި ކަމަށްވެސް ކޮސްޓާ ބުނެފައިވެ އެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ކޮސްޓާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ވެސް މަސައްކަތް ކުރެ އެވެ.