ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ލައްވާލާފައިވަނީ ސޮސިއެޑާޑާއި، ޝެރިފް އަދި އޮމޯނިއާއާއެކު ގްރޫޕް އީ ގަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ޝެރިފް އިން ވަނީ އޮމޯނިއާގެ މައްޗަށް 3-0 އިން ކުރި ހޯދާފަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ސޮސިއެޑާޑަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެންޑޭޒް އެވެ. މި ޕެނަލްޓީ ސޮސިއެޑާޑަށް ލިބުނީ ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލަ އެވެ.
ޔުނައިޓެޑަށް މި މެޗުގައި ގޯލެއް ކާމިޔާބު ނުކުރެވުނަސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައިވެ އެވެ. އެގޮތުން ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.
ޔުނައިޓެޑްގެ މައްޗަށް ސޮސިއެޑާޑުން ހޯދި މި މޮޅަކީ ޔޫރަޕްގެ މުބާރާތެއްގައި އެޓީމުން އިނގިރޭސި ޓީމެއްގެ އަތުން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެ އެވެ.