ބަޑިން ދިން ހަމަލާއެއްގައި ސްރީ ލަންކާގެ ވިޔަފާވެރިއަކު ފިލިޕީންސްގައި އިއްޔެ މަރާލައިފި އެވެ.
ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނީ ކޮޓަބާޓޯ ސިޓީގެ މަޝްހޫރު ބާޒާރު ހިސާބުގަނޑެއްގެ މަގެއްގެ މަތީގައި ދިން ހަމަލާގައި މަރާލީ މުހައްމަދު ރިފާދު މުހައްމަދު ސިއްދީގް ކިޔާ 46 އަހަރުގެ ވިޔަފާވެރިއެކެވެ. މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ކޮޓަބާޓޯ ފުލުހުންގެ ކެޕްޓަން ކެނެތު ރޮޒޭލްސް ވިދާޅުވީ މުހައްމަދަށް ހަމަލާދިނީ އޭނާ ކާރުން ފޭބިތަނާ ކަމަށެވެ.
އެގޮތުން ހަމަލާދިނުމަށް ފަހު، ވަގުތުން އޭނާ ސައިކަލެއްގައި ފިލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ އިރު، އެ މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަމަލާ ދިން ސަރަހައްދުން ފުލުހުންގެ ބެލުމުގެ ވަޒަން ހުސްކޮށްފައިވާ ފިސްތޯލައެއް ފެނިފައިވެ އެވެ.
މުހައްމަދު ހަމަލާދީ މަރާލި ސަބަބު ދެނެގަތުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ އިރު، އޭނަ ދަންނަ ބައެއް މީހުން ފުލުހުންނަށް ބުނެފައިވާ ގޮތުގައި އޭނަ އަކީ އެކި މީހުންނަށް ފައިސާ ލޯނުގެ ގޮތުގައި ދެމުން އައި މީހެކެވެ. އަދި މިދިޔަ އަހަރު ވެސް މިފަދަ ހަމަލާއެއް މުހައްމަދަށް ދީފައިވެ އެވެ.