މިހާރު އައްޑު އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މީދޫ ދަނޑުވެރިންނަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށް ދަނޑުވެރިން ބުނެފި އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ބައެއް ދަނޑުވެރިން ބުނީ ވިއްސާރައިގެ ސަބަބުން ގިނަ އަދަދެއްގެ ގަސް ހަލާކުވެފައިވާ ކަމަށާއި، ކުރިއަށް ހުރި އޯޑަރުތަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވާ ކަމަށެވެ.
ދަނޑުވެރިން ބުނީ ކިރިޔާވެސް ސަލާމަތްވީ ގްރީން ހައުސްގައި ހައްދާފައިވާ ގަސްތައްކަމަށެވެ.
އައްޑޫ މީދޫ ކޯޕަރޭޓް ސޮސައިޓީން ބުނީ މިހަފްތާގައި ދަނޑުވެރިން އަތުން ލިބިފައިވަނީ ވަރަށް މަދު ބާވަތެއްގެ ސާމާންކަމަށެވެ. އެގޮތުން ކަރާ، ކިއުކަމްބާގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.
ކޯޕަރޭޓް ސޮސައިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވިއްސާރައިގެ ސަބަބުން ދަނޑުވެރިންނަށް ދެ ލައްކަ ރުފިޔާއަށް ވުރެ ބޮޑުގެއްލުމަކާއި ކުރިމަތިލާން ޖެހޭނެއެވެ.
މީދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރާ ކޯޕަރޭޓްސްއިން ބުނީ ދަނޑުވެރިންނަށް ލިބުނު ގެއްލުން ފޫބައްދަން ދަތިވާނެ ކަމަށެވެ. އަދި އެކަމަށް މުއްދަތު ނަގާނެކަމަށެވެ.
ދަނޑުވެރިން ބުނީ މޫސުމަށް އަންނަ މި ފަދަ ބަދަލުތަކުން ސަލާމަތް ވުމަށް ގްރީން ހައުސްގެ ބޭނުންވި ނަމަވެސް އެކަމަށް ހައްލެއް އަދި ލިބިފައި ނުވާކަމަށެވެ. އެހެންވެ ދަނޑުވެރިންތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
