ރާއްޖެ އަށް ވެސް ހިދުމަތް ލިބޭ ގޮތަށް ސްރީ ލަންކާގައި ހިންގަމުން އަންނަ ނޯވޭގެ އެމްބަސީ ބަންދުކުރަން އެ ގައުމުން ނިންމައިފި އެވެ.
ނޯވޭ އިން ބުނި ގޮތުގައި ލަންކާގައި ހުރި އެމްބަސީ ބަންދުކުރާނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ. މިފަދަ ބަދަލެއް ގެންނަން ނިންމި މައިގަނޑު ސަބަބަކީ ނޯވޭގެ ހާރިޖީ ސިޔާސަތު އަލުން ބައްޓަންކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ. އެގޮތުން އެ ގައުމުން ވަނީ ގައުމުތަކުގައި ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކެއް ސްޓްރަކަލް ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ.
I am sad to share news of the closure of our Embassy in Colombo in July 2023 due to structural changes in the Norwegian Foreign Service. Bilateral ties between Norway & Sri Lanka are strong & warm and will continue 🇳🇴🇱🇰 https://t.co/fkTzSqVgN8
— Trine Jøranli Eskedal (@NorwayAmbLK) September 9, 2022
ދާއިމީކޮށް ލަންކާގައި ހުރި ނޯވޭގެ އެމްބަސީ އަންނަ އަހަރު ބަންދުކުރަން ނިންމި އިރު، އިތުރު އެހެން ހަތަރު ޑިޕްލޮމެޓިން މިޝަނެއް ބަންދުކުރަން ވެސް ނިންމާފައިވެ އެވެ. އެއީ ސްލޮވޭކިއާ، ކޮސޯވޯ އާއި މަޑަގަސްކަރައިގެ އެމްބަސީ އޮފީހުގެ އިތުރުން އެމެރިކާގެ ހިއުސްޓަންގައި ހުންނަ ކޮންސެލިއުލޭޓް ޖެނެރަލް އޮފީހެވެ.
ނޯވޭ އިން ބުނި ގޮތުގައި ލަންކާގައި ހުރި އެމްބަސީ ބަންދުކުރި ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
"އެމްބަސީ ބަންދުކުރި ނަމަވެސް ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމާއި ގާތް ކަމަށް އެެއްވެސް ބަދަލެއް ނާންނާނެ. އަދި ނޯވޭ އިން ލަންކާ އަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ވެސް ދިނުމުގައި ދެމިތިބޭނެ،" ނޯވޭ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓްރީން ޖޮރާންލީ އެޒްކެޑެލް ވިދާޅުވި އެވެ.
ނޯވޭ އަކީ 1960 އިން ފެށިގެން ލަންކާ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ގައުމެވެ.
ނޯވޭގެ ފޮރިން މިނިސްޓަރު އެނިކެން ހުއިޓްފެލްޓް ވިދާޅުވި ގޮތުގައި އެ ގައުމުގެ ހާރިޖީ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ނިންމީ ބަދަލުވަމުން އަންނަ ދުނިޔޭގެ ސިޔާސީ މަސްރަހަށް ރިއާޔަތްކޮށެވެ. އެގޮތުން އަންނަ އަހަރު ޖިއޯޕޮލިޓިކަލް ތެރެއިން އެންމެ އިސްކަންދެވޭނެ މައިގަނޑު އެއް ގަމަކީ ޔޫރަޕްގެ ގައުމުތަކާ އޮންނަ ގުޅުން ބޮޑުކުރުން ކަމަށް ވިދާޅުވި އެވެ.
"ޔޫރަޕްގެ ސިޔާސީ މަސްރަހު އަންނަނީ ވަރަށް ހަލުވިކޮށް ބަދަލުވަމުން. އެހެންވީމަ އަހަރެމެން އެބަޖެހޭ މިހާރު އީޔޫ އަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭން." މިނިސްޓަރު ވިދާޅުވި އެވެ.