Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޗާލްސް އަށް އެމްއާރްއެމުން މަރުހަބާ ކިޔައިފި

އިނގިރޭސީ ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ ގުޅިގެން މިއަދުން ރަސްކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަތް ޕްރިންސް ޗާލްސް އަށް ރާއްޖޭގެ އެމްއާރްއެމުން މަރުހަބާ ކިޔައިފި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި އާ ރަސްގެފާނު ޗާލްސް އަށް އެމްއާރްއެމާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުހަބާ ދަންނަވައި ކާމިޔާބީ އަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޗާލްސް އަށް ލިބިވަޑައިތް މަގާމުގެ ޒިންމާތަައް އަދާކުރެއްވުމުގައި މަންމާފުޅު ކްއީން އެލިޒަބަތަކީ ބޮޑު އިންސްޕިރޭޝަނަކަށް ވާނެ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ.

ޗާލްސް، 73، އަކީ ރާނީ އަށް ލިބިވަޑައިގަތް ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާ އެވެ. ޗާލްސް އަކީ ދުނިޔޭގެ ލޯބި ހޯއްދެވި ޕްރިންސެސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޑަޔާނާ ވަނީ 1997 ގައި ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފަ އެވެ. ޗާލްސް އާއި ޑަޔާނާ އަށް ލިބިވަޑައިގަތް ބޭފުޅުންނަކީ ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީ އެވެ.

ރާއްޖެ އަށް ވެސް 1972 ގައި ދަތުރެއް ކުރެއްވި އެލިޒަބަތު ދޭއް އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރަނިކަމަށް މި އަހަރު 70 އަހަރު ވެސް ފުރުނު ރާނީ އަވަހާރަވި އިރު، އުމުރުފުޅަކީ 96 އެވެ. އެކަމަނާ އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ދިދަ ވެސް ތިން ދުވަހަށް ބައިދަނޑި އަށް ތިރިކޮށްފައިވެ އެވެ.

ރާއްޖެ އަކީ ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިލަމުގެ ދަށުގައި އޮތް ގައުމެވެ. އިނގުރޭސީންގެ ފަރާތުން ރާއްޖެ އަށް މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގަ އެވެ.