ލ. އަތޮޅު ގަމުގައި ބާއްވާ ވިޔަވަތި ކޮންފްރެންސްގެ މި އަހަރުގެ ތިން ވަނަ ބައްދަލުވުން "ފަނޯއްލަ ދަރުބާރު" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެ ރަށަށް މިއަދު ވަޑައިގެންފި އެވެ.
މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި އެ ދެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ހިމެނެ އެވެ.
މި ކޮންފަރެންސްގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައް ޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި ހަތަރު ސެޝަނެއް ކުރިޔަށް ގެންދާއިރު ކޮންމެ ސެޝަނެއްގައި ވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވަވާނެ އެވެ. އެގޮތުން، މި ސެޝަންތަކުގެ މައުލޫޢުތަކުގެ ތެރޭގައި ހިމެނެނީ، މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމެވެ.
މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ޚިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ސީދާ ރައީސާއި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުންނާއި އެކު މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން، ކޮންފަރެންސްގެ ބައިވެރިންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު، އޮންނާނެ އެވެ.