Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ރާއްޖެ އަށް އިގުތިސާދީ ކާރިސާއެއްގެ ރިސްކެއް ނެތް

ރާއްޖެ އަށް އިގްތިސާދީ ކާރިސާއެއްގެ ރިސްކެއް މިވަގުތު ނެތް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓުގައި ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ބުނެފައިވަނީ އިގްތިސާދީ ކާރިސާއެއްގެ ރިސްކު މިވަގުތު ނެތް ނަމަވެސް އެފަދަ ރިސްކަކާއި ކުރިއަށް އޮތް ތަނުގައި ކުރިމަތިނުލުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

އެގޮތުން އާމްދަނީ އިތުރުކުރުމާއި ދަރަނި މެނޭޖް ކުރުމުގައި ގިނަ ބަދަލުތަކެއް ގެންނަން އެ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ. އެ ރިޕޯޓުގައި ވަނީ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަން ފާހަގަކޮށްފަ އެވެ.

ސަރުކާރުން ނިންމާފައިވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކޮށް އަދި ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް، އައިއެމްއެފާއި ވޯލްޑް ބޭންކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ޓެކްސް އިން ލިބޭ އާމްދަނީގެ ތެރެއަށް ހަ ޕަސެންޓް އިތުރުކުރަން ބޭނުންވާ ކަމަށް އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ 34 ޕަސެންޓު ދަށްވި ނަމަވެސް އިގްތިސާދީ ހާލަތު މިހާރު ވަނީ އަލުން ރަނގަޅުވާން ފަށާފަ އެވެ.