Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ވަގަށް ނެގި ބައެއް ތަކެތި އައްޑޫ ފުލުހުން ހޯދައިފި

ވަގަށް ނަގާފައިވާ ބައެއް ސާމާން އައްޑޫ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 9 ވަނަ ދުވަހު ފޭދޫގެ ގާޑިއާއަކުން ވައްކަން ކުރި މައްސަލަ އަކާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ކަަރަންޓު ބުރުމާއެއް ހޯދާފައިވާ ކަމަށެއެވެ.

ފުލުހުން ބުނީ 2900 ރުފިޔާގެ އެ ބުރުމާ ފުލުހުން ހޯދާފައިވަނީ 200 ރުފިޔާއަށް ވިއްކާލާފައި ވަނިކޮށެވެ.

މީގެ އިތުރުންވެސް މަރަދޫގެ ގެއެއްގެ ގޯތި ތެރޭގައި ހުރި ރުކަކުން ކުރުބާ އަޅައި މަރަދޫފޭދޫގެ ގާޑިއާއަކަށް ވިއްކާލާފައިވަނިކޮށް އެ ކުރުބަ އިހާވެސް ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން ވަނީ ވަގަށް ނަގާ ސާމާން ނުއަގުގައި ވިއްކާ އިރު އެތަކެތި ނުގަތުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އައްޑޫގައި ވައްކަން އިތުރުވުމާއި ގުޅިގެން ފުލުހުން އަންނަނީ ވައްކަން މަދު ކުރުމަށާއި އައްޑޫގައި އަމާން މާހައުލެއް ގާއިމް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން ބޮޑެތި ކުށްތައް މަދު ކުރުމަށް ހާއްސަ އެކްޝަން ޕްލޭނެއް ހަދައި އޭގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

ފުލުހުން ބުނީ މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ސަބަބުން މިދިޔަ ހަފްތާގައި ހުށަހެޅުނު ވައްކަމުގެ މައްސަލަތައް މަދުވެފައިވާ ކަމަށެވެ.

އައްޑޫގައި މިވަގުތު ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ 160 އަށް ވުރެ ގިނަ ކުށްވެރިން މުޖްތަމައު ތެރެއަށް ދޫކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ތަފާތު ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.