ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއަކީ ކައުންސިލްތަކުގެ އެކުވެރިއެއް އަދި އެހީތެރިއެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަފްޝަން ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ އިސް މޭސްތިރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.
މިނިޒާމު ފުރިހަމަ ކުރުމަކީ ރައީސް ސޯލިހްގެ ތަސައްވަރެއް ކަމަށާއި، މިއަދު މިނިޒާމުގެ ތެރެއިން ގެންނަމުން މިދަނީ އިންގިލާބީ ބަދަލުތަކެއް ކަމަށެވެ.
"ނަމަވެސް އަދިވެސް ރަނގަޅު ކުރަންޖެހޭ، އިސްލާހު ކުރަންޖެހޭ ބައިވަރުކަންކަން އެބަހުރި." އަފްޝަން ވިދާޅުވިއެވެ.
ގާނޫނުން އެލްޖީއޭއަށް މަތިކޮށްފައިވަނީ ކައުންސިލްތަކުގެ ޒިންމާ އަދާކުރޭތޯ ބަލައި، އެހީތެރިކަން ފޯރުކޮށްދިނުންކަން ފާހަގަކޮށް އަފްޝަން ވިދާޅުވީ އެލްޖީއޭއާމެދު ކައުންސިލްތަކުން ދެކޭގޮތް ބަދަލުވުމަކީ މުހިއްމު ކަމެއްގައި ދެކޭ ކަމަށެވެ.
އަފްޝަން ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކުގެ އަޑުއަހާ ކަމަށާއި، ރަނގަޅު އެކުވެރިންނަކީ ރަނގަޅު ކަންކަމަށް ހިތްވަރު ދީ، އެ ކަންކަމުގައި އެހީތެރިވާ ބައެއްކަމަށެވެ. އަދި ނުރަނގަޅު މަގަކުން ދާ ނަމަ އެކަމުން ދުރުކުރާނެ ބައެއް ކަމަށާއި، އެލްޖީއޭއަކީ ކައުންސިލްތަކުގެ އެކުވެރިއެއް އަދި އެހީތެރިއެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.
މީގެއިތުރުން އަފްޝަން ވިދާޅުވީ އެލްޖީއޭ ވާންވާނީ ގޯހުން ކަމެއް ދާނަމަ އެކަން ރަނގަޅު ކުރުމަށް ލަފާއާއި އިރުޝާދު ދޭ އެކުވެރިއަކަށް ކަމަށެވެ.