Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ލާމަރުކަޒު ފަހަތަށް ޖައްސަން ފުރުސަތުދީގެން ނުވާނެ: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ސިޔާސަތު ފަހަތަށް ޖެއްސުމަށް ދެން ފުރުސަތު ދީގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ފައްކާ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއް އެކަނި ނޫން ކަމަށާއި، އެއީ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެކަމަށް ރައީސް ސޯލިހް ގަބޫލުކުރައްވާ ގޮތް ކަމަށެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި މިވީ ދުވަސްތަކުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެއްވި މަސައްކަތުގެ ހެޔޮ ނަތީޖާތަކެއް ލިބިފައިވާކަމަށެވެ.

މީގެއިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ މިދައުރު ނިމުމަށްފަހުވެސް ލާމަރުކަޒީ ސިޔާސަތު އިންޗިއަކަށްވެސް ފަހަތަށް ޖެއްސުމަށް އެއްވެސް މީހަކަށް ދެން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"ޤައުމެއް ތަނަވަސްވި ކަމަށްވާނީ އެންމެން ތަނަވަސް ވުމުން. އެންމެ ފަގީރު މީހާވެސް އުފާވީމަ. ހުރިހާ ރަށްތަކެއް އެއްވަރަށް ތަރައްޤީވެގެން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ "ވިއަވަތި" ކޮންފަރެންސާއި އަދި މިހާތަނަށް ބޭއްވުނު މިފަދަ ކޮންމެ ކޮންފަރެންސެއްގައިވެސް ސަރުކާރުން، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އޮޅުންފިލުވައި، އެކަންކަމަށް ހައްލު ގެނެސް ދެއްވާފައިކަމަށެވެ.