Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު ރައީސް ސޯލިހު

އިސް ސަފުގައި އަންހެން އިތުރު ކުރުމަކީ އަމާޒެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރު ކުރެއްވުމަކީ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ، ގަމުގައި ކުރިއަށްގެންދާ "ވިއަވަތި ކޮންފަރެންސް"ގައި، މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕެނަލްޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ދެއްކެވި ވާހަކައިގައި ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާއީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލައި ފާސްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި ވަކިން ހާއްސަކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި މިހާރު އަންހެނުންގެ ނިސްބަތަކީ 33 އިންސައްތަ ކަމަށެވެ. އަދި އަމާޒަކީ ވެސް އުންމީދަކީވެސް ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުން ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަކަންވެސް ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ.

ލ. ގަމުގައި ކުރިއަށްގެންދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.