Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ފުލުހުންނަށް ހޭންޑްބޯލް ރެފްރީ ކޯހެއް

ޕޮލިސް ކުލަބާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ހިންގައިފި އެވެ.

މި މަހުގެ 3-10 އަށް ހިންގި ކޯހުން އެންމެ މޮޅު ބައިވެރިޔަކަށް ހޮވުނީ ޕޮލިސް ސާޖަންޓް އަހުމަދު ޝިހާމް އާއި ސީނިއާ ސާޖަންޓް އަހުމަދު ފިރުޝާނެވެ. ދެވަނަ ބައިވެރިޔަކަށް ސަބް އިންސްޕެކްޓަ ހުސެއިން ޝިފާޒް ހޮވުނު އިރު، ތިން ވަނަ ބައިވެރިޔަކަށް ހޮވުނީ ޕޮލިސް ސާޖަންޓް އާދަމް ޝަރީފެވެ.

ހޭންޑްބޯލް ރެފްރީސް ކޯހަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހޭންޑްބޯލް އިން ކުރިއަށްދާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުންނާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ޕޮލިސް ކުލަބުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި ކޯހެކެވެ.

ކޯހުގައި ފުލުހުންގެ އެކި ބަހާތަކުން 15 މުވައްޒަފުން ބައިވެރިވި އެވެ. އަދި ކޯހުގެ ބައިވެރިވި މުވައްޒަފުންގެ ތެރެއިން 13 މުވައްޒަފުންވަނީ ކަނޑައަޅާފައިވާ މިންގަނޑަށް ފާސްވެ، ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. ކޯސް ކުރިއަށް ގެންދިޔައީ ތިޔަރީ އާއި ޕްރެކްޓިކްސް ސެޝަންތަކާ އެކީގަ އެވެ.

އެ ކޯހުގެ ނިމުން ފާހަގަކުރަން ރޭ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. ކޯހުގެ ބައިވެރިންނާ މުހާތަބުކޮށް އޭނާ ވިދާޅުވީ ކޯހެއް ފުރިހަމަ ކުރަންވީ ހަމައެކަނި ސެޓްފިކެޓެއް ހާސިލްކުރުމަށް ނޫން ކަމަށާއި ކޯހެއް ފުރިހަމަ ކުރުމަށް ފަހު ލިބޭ ފުރުސަތުތަކުގައި ބޭނުން ވެސް ހިފަން ޖެހޭނެ ކަމަށެވެ.