ރައިސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ނަގާފައިވާ ލޯންތަކަކީ ނިސްބަތުން އިންޓްރެސްޓް ރޭޓު ކުޑަ ލޯންތަކެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މި ސަރުކާރުގެ ލޯން ތަކުގެ އިންޓްރެސްޓް ރޭޓް ނިސްބަތުން ކުޑަ ކަމަށެވެ. މިކަމުގެ މިސާލު ދައްކަވައި މިނިސްޓަރ އަމީރު ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށްވާ ގުޅީފަޅު މަޝްރޫޢަކީ އަކީ އިންޓްރެސްޓް ކުޑަ ލޯނެއް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ދަރަނި ބޮޑުވެގެން ގޮސްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރަނީވެސް ބޭރުން ނަގާ ދަރަނީގެ ޕްލޭނާއި އެކު ކަމަށެވެ. އަދި މިފަހަރުވެސް 200 މިލިއަން ޑޮލަރު ބޭރުން ލޯން އެހީގެ ގޮތުގައި ހޯދުމަށް ބަޖެޓުގައި ހިމެނިފައިވާ ކަން އަމީރު ފާހަގަ ކުރެއްވިއެވެ. އަދި މިގޮތަށް ނަގާ ލޯނުގެ ތަފްސީލުވެސް އެއްބަސްވުމުގައި ސޮއި ކުރާތާ މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހާއި ހިއްސާކުރާ ކަމަށް އަމީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ނަގާފައިވާ ލޯން ތަކަކީ އިންޓްރެސްޓް ރޭޓް ނިސްބަތުން ކުޑަ ވުމުގެ އިތުރަށް، ދިގު މުއްދަތަށް ބަހާލައިގެން ލުއި ފަސޭހަކޮށް ދެއްކޭ ގޮތަށް ހުރި ލޯން ތަކެއް ކަމުގައި އަމީރު ވިދާޅުވިއެވެ.
މިވަގުތު ދުނިޔެ ތަހައްމަލް ކުރަމުންދާ އިޤްތިޞާދީ ދަތިކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާކަން އަމީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައިވެސް ބޭރު ފައިސާ ދައުރުވާ މިންވަރު ދައްވެފައިވާ ކަން އަމީރު ވަނީ ފާހަގަކޮށްފައެވެ.
ކަންމިހެން އޮތް ނަމަވެސް ސަރުކާރުން ދަނީ ރާއްޖެއަށް ދަރަނިތައް އަނބުރާ ދެއްކުމުގައި އެއްވެސް ދަތިކަމަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. މީގެ އިތުރުން ސަރުކާރުން އިތުރު ބޮޑު ލޯނެއް ނަގައިގެން އައު މަޝްރޫޢެއް މިހާރުގެ ހާލަތު އޮތް ގޮތުން ނުފަށާނެ ކަން ވަނީ ހާމަކޮށްފައެވެ.