އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރިން ހިނގާފައި ދަނިކޮށް ޕިކަޕަކުން ޖެހި ހިންގި އެކްސިޑެންޓުގައި އަނިޔާވި މިހާ އަދިވެސް ފަރުމަވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
ބުދަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 40އ. ފިރިހެނަކަށެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެނައިރު ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ ފުއްޕާމެއަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާ ވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެމީހާ އިތުރު ފަރުވާއަށް ބުރާސްފަތި ދުވަހު ފަތިހު މާލެ ފުރުވާލާފައިވާއިރު، އޭނާގެ ހާލަތު އަދިވެސް ސީރިއަސްކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. އަދި މިވަގުތުވެސް އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އައިސީޔޫގައި ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ކައިރީގަ އެވެ. އެގޮތުން ހިނގާފައި ދިޔަ މީހާގެ ގައިގާ ޕިކަޕުން ޖެހި އެމީހާ ޕިކަޕު ދަށުވި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެކްސިޑެންޓުގެ ވީޑިއޯއިން ފެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.