ހިޔާ ފްލްޓް ތަކުގެ ތެރެއިން ފްލެޓެއްގައި ހިނގި ހަމަނުޖެހުމެއްގައި އެ ގޭ ތެރެއިން ބޭރަށް އުކާލި ތަކެތިން ފްލެޓުގެ ތިރީގައި ޕާކު ކޮށްފައި ހުރި އުޅަނދުތަކަށް ގެއްލުންވެއްޖެއެވެ.
މިއަދު މެންދުރު ވަގުތެއްގައި ހިނގި މިހާދިސާއާއި ގުޅިގެން ގެއްލުން ވެފައިވާ އުޅަނދުތަކުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި މަތިން އުކާލާފައިވާ ތަކެތިން ފްލެޓުގެ ތިރީގައި ޕާކް ކޮށްފައިވާ 2 ކާރަކާއި ޕިކަޕެއްގެ ވިންޑް ސްކްރީން އުކާލި ތަކެތިން ޖެހި ތަޅައިގެން ގޮސްފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގެ ބިންމަތީ މަތިން އުކާލި ގިނަ ތަކެތި ހުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތަކެތި އުކާލާފައިވަނީ ހަތަރުވަނަ ޓަވަރުގެ 17 ވަނަ ބުރިންނެވެ. އުކާލި ބައެއް ތަކެތީގެ ތެރޭގައި ބަދީގޭގައި ބޭނުން ކުރާ ބައެއް ސާމާނާއި ގަސް ވަށި ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 12:35 ވީއިރު ކަމަށާއި، ހާދިސާ ތަހުޤީގު ކުރަމުންދާ ކަމަށެވެ.