Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މަންޓާ އެއާގެ އައްޑޫ ދަތުރުތައް މެދުކެނޑުމަކަށް

މަންޓާ އެއާ އިން އައްޑޫގެ އުދުހުންތައް ކުއްލި ގޮތަކަށް މެދުކަނޑާލައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި އައްޑު އަށް ކުރަމުން އައި ދަތުރުތައް އެ އެއާލައިނުން ވަނީ މެދުކަނޑާލައިފަ އެވެ.

މިކަމާ ބެހޭ އެއްވެސް ވާހަކައެއް އެ އެއާލައިނުގެ ފަރާތުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި އައްޑޫ ދަތުރުތަކަށް އެކަށީގެންވާ ތަރުހީބު ލިބެމުން ނުދާތީ ވަގުތީގޮތުން ދަތުރުތައް މެދުކަނޑާލީކަމަށް ކުންފުނީގެ ފަރާތުން މުވައްޒަފުންނާއި ވަނީ ހިއްސާކޮށްފަ އެވެ.

މަންޓާ އެއާގެ އުދުހުންތަށް މިހާ ކުއްލި ގޮތަކަށް މެދުކަނޑާލުމަކީ ވައިގެ ދަތުރުފަތުރަށް އިތުރު ގޮތްތަކެއް ބޭނުންވެފައި ތިބި އައްޑޫ ރައްޔިތުންނަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.

ޢާންމުކޮށް މަންޓާ އެއާއިން ދަތުރުކުރާ މީހަކު ބުނެފައިވާ ގޮތުގައި ތަރުހީބު ނުލިބިގެން މަންޓާ އިން އައްޑު އަށް ދަތުރުކުރުން ހުއްޓާލުމުން އަންތަރީސްވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން މީހަކު ބުނެފައި ވަނީ ބަޔަކު އަޑީގައި ތިބެގެން މަންޓާ އެއާގެ އައްޑޫ ސެކްޓަރުގެ އުދުހުން ހުއްޓުވަން މެދު ނުކެނޑި މަސައްކަތްކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން މަންޓާގެ މަންޓާ އެއާގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

އައްޑު އަށް މަންޓާ އެއާގެ ދަތުރުތައް ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ގަ އެވެ.

ކުއްލި ގޮތަކަށް މަންޓާ އެއާގެ ދަތުރުތައް މެދުކަނޑާލުމާ އެކު ވައިގެ މަގުން އައްޑު އަށް ޑޮމެސްޓިކް ދަތުރުކުރަން މިހާރު އޮތް ހަމައެކަނި ގޮތަކީ ޤައުމީ އެއާލައިން މޯލްޑިވިއަނެވެ.