Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި މިއަދު ރެއާލް މެޑްރިޑުން ފަހަތުން އަރައި މަޔޯކާގެ މައްޗަށް 4-1 އިން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ރެއާލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ރެއާލް ވަނީ މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗަށް އެޓީމުން ނިކުތީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއާ ނުލަ އެވެ. ބެންޒެމާގެ ބަދަލުގައި ރެއާލްގެ ފުރަތަމަ އެގާރާގައި ހިމެނިގެން މި މެޗުގައި ކުޅެފައިވަނީ އެޑެން ހަޒާޑް އެވެ.

މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ މަޔޯކާ އިން ކަމަށްވާއިރު މެޗުގެ 35 ވަނަ މިނެޓްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުރީގީ އެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ފެޑޭ ވަލްވާޑޭ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 72 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި ރޮޑްރިގޯ ރެއާލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލް މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާ އެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާ އެވެ.