މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ ގެންގުޅުއްވި ދެ ކުއްތާއެއް ބެލެހެއްޓުން އެކަމަނާގެ ދަރިކަލުން ޕްރިންސް އެންޑްރޫއާ ހަވާލުކޮށްފި އެވެ.
އެންޑްރޫއާ ހަވާލުކޮށްފައިވަނީ މުއިކް އަދި ސޭންޑީ ނަމަކަށް ކިޔާ ދެ ކުއްތާ ބެލެހެއްޓުމަށެވެ. މި ދެ ކުއްތާއަކީ އެންޑްރޫ އަދި އޭނާގެ ދަރިކަލުން ޕްރިންސެސް ބީޓްރެސް މިދިޔަ އަހަރުގެ ތެރޭގައި ރާނީ އަށް ހަދިޔާއެއްގެ ގޮތުގައި ދެއްވި ދެ ކުއްތާ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ދެ ކުއްތާ ބެލެހެއްޓުމުގައި އެންޑްރޫގެ އިތުރުން އޭނާގެ ކުރީގެ އަނބިކަނބަލުން ސާރާ ހަރަކާތްތެރިވާނެ އެވެ.
ރާނީގެ ހަޔާތްޕުޅުގައި 30 އަށް ވުރެ ގިނަ ކުއްތާ ގެންގުޅުނު ކަމަށްވެ އެވެ.
އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހާރަވެފައިވަނީ ސިއްހީ ހާލުކޮޅު ގޯސްވެގެންނެވެ. އެކަމަނާގެ ޖަނާޒާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.