Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އައްޑޫގެ ޓޫރިޒަމް ޒޯންތަކާ މެދު ކަންބޮޑުވޭ: ފައިސަލް

އައްޑޫގެ ޓޫރިޒަމް ޒޯންތަކުގައި މަސައްކަތްތައް ކުރިއަށް ނުދާތީ ވަރަށް ކަންބޮޑުވާ ކަމަށް ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އޭނަ "އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފަސް ޓޫރިޒަމް ޒޯނެއް ކަނޑައަޅައި އެތަންތުގައި ޓޫރިސްޓް ފެސިލިޓީތަކެއް ގާއިމުކުރަން ގިނަ ބިންތަކެއް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ތަންތަނުގެ ލޭންޑްސްކޭޕިން މަސައްކަތް އިންޑިއާގެ އެހީގައި ކުރުން ފިޔަވައި، އެއްވެސް ބިމެއްގައި އެކަށީގެންވާ މަސައްކަތެއް ނުހިނގާ ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މީގެ އެންމެ ބޮޑު އެއް ސަބަބަކީ ޓޫރިޒަމް ޒޯންތަކަށް ދޭން ޖެހޭ ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހިނގަމުން ނުދިއުމެވެ. އަދި އެ ހިދުމަތްތައް އެ ބިންތަކަށް ލިބޭނެ ގޮތް ހަމަޖެހިގެން ނޫނީ ފެސިލިޓީތަކެއް ގާއިމުކުރިޔަސް އެއިން ތަނެއް އެކަށީގެންވާ ގޮތެކަަށް ނުހިންގޭނެ ކަމަށް ވިދާޅުވި އެވެ.

"[ހަގީގަތުގައި] ޓޫރިޒަމް ޒޯންތަކުގައި ފެސިލިޓީތައް ހެދޭނީ އެ ބިންތަކުގައި ސަރުކާރުން ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމު ސަރުކާރުން ގާއިމުކޮށް ދިނުމުން،" ފައިސަލް ވިދާޅުވި އެވެ. "އެތަންތަނުގައި ގެސްޓް ހައުސްތައް ހެދިކަމުގައި ވިޔަސް އެ ހިދުމަތްތައް ގާއިމުނުވާހާ ހިނދަކު ގެސްޓް ހައުސްތައް ފުރިހަމަ ގޮތުގައި ރަންކުރުމުގެ ކަންކަމެއް ނުކުރެވޭނެ. އެހެންވެ ހަގީގަތުގައި [މިކަން] ނުވެ އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް."

އޭނާ ވިދާޅުވިި ގޮތުގައި މިހާރުގެ ކައުންސިލްގެ ދޮޅު އަހަރުގެ ތެރޭގައި ޓޫރިޒަމް ޒޯންތަކާ ގުޅޭ ގޮތުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ކުރެވިފައިވާނެ އެވެ.

"އުންމީދަކީ އެދޭ ގޮތަކީ ރައިސް އިބްރތާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓޫރިޒަމް ޒޯންތަކަށް ބޭނުންވާ ޔުޓީލިޠޯީ ހިދުމަތްތައް އަވަހަށް ގާއޮމުކިށް ދިނުން." ފައިސަލް ވިދާޅުވި އެވެ.

އައްޑޫގެ ފަސް ޓޫރިޒަމްގެ ޒޯންގެ އަމާޒަކަށްވެފައި އޮތީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި އައްޑޫގެ ޓޫރިސްޓް އެނދު 8،000 އަށް އިތުރުކުރުމެވެ. އެގޮތުން މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި 4،140 އެނދު ތަރައްގީކުރާނެ ކަމަށް ކައުންސިލުން ކުރިން ތަކުރާރުކޮށް ބުނަމުން އައިސްފައިވެ އެވެ. އެކަމަކު ރައީސް ސޯލިހުހެ ދައުރު ހަމަވާން ގާތްވަމުން އަންނަ އިރު، އައްޑޫ ޓޫރިޒަމް ޒޯންތަކުން މިހާތަނަށް އެންމެ އެނދެއް ވެސް މާކެޓަކަށް ނެރެވިފައެއް ނުވަވތަ ނެރޭ ވަރަށް މަސައްކަތްތަކެއް ކުރެވިފައެއް ނެތެވެ.

ލ. ގަމުގައި ކުރިއަށްދާ "ވިއަވަތި ކޮންފަރެންސް" އަށް އެ ރަށުގައި ހުންނަވައިގެން އައްޑޫ މޭޔަރު އަލީ ނިޒާރު އިއްޔެ ރޭ ވިދާޅުވެފައި ވަނީ އައްޑޫގައި 8،000 ޓޫރިސްޓު އެނދު ތަރައްގީކުރަން ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން ކޮށްދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމަށްޓަކައި ކައުންސިލަށް ކޮށްދެވޭނެ ކަމަކީ އެނދު ތަރައްގީކުރުމަށް ބޭނުންވާ ބިން ދޫކުރުން ކަމަށެވެ. އެގޮތުން މިހާރު ބިންތައް ދޫކޮށްފައިވާ އިރު ދެން ކުރަން ޖެހޭ ކަމަކީ ބިން ލިބުނު ފަރާތްތަކުން އެތަންތަމުގައި ފެސިލިޓީތައް ހެދުން ކަމަށެވެ.

"ދެން ޕްރޮޕަޓީ ޑިވްލޮޕް ކުރުމަކީ ޕްރައިވެޓް މީހުންގެ ކަމެއް. އަޅުުގަނޑުމެންނަށް ބިން ދީފައި އެއާ ގުޅޭ ވަސީލަތްތައް ގާއިމު ކުރެވޭނީ،" އައްޑޫގެ ޓޫރިޒަމް ފަސް ޒޯނުން ދޫކޮށްފައިވާ ބިންތަކާ ބެހޭ ގޮތުން ނިޒާރު ވިދާޅުވި އެވެ. "ކައުންސިލުގެ މި ދެންނެވި ފަސް ޒޯނުގައި ކުރަންޖެހޭ ކަންކަން އޮތީ ނިންމާފައި. ޕްލޮޓްތައް ދީފައި އޮތީ އެ ބޭފުޅުންނަށް ފައިސާ ހޯދޭނެ ގޮތް ވެސް ސަރުކާރުން އެބަ މަސައްކަތް ކުރައްވާ."

އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.