Last Updated: July 18, 13:50
Saturday, July 18, 2026
ޚަބަރު

މަންޓާ އަލުން އައްޑު އަށް ފެށޭނެ އިރެއް ނޭނގޭ!

މަންޓާ އެއާގެ އައްޑޫގެ ދަތުރުތައް މިހާރު މެދުކަނޑާލާފައި އޮތީ އައްޑު އަށް ދަތުރުކުރަން ބޭނުން ކުރަމުން އައި މަތިންދާބޯޓް މަރާމާތަށް ބޭރަށް ފޮނުވަން ޖެހުމާ ގުޅިގެން ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މަންޓާ އެއާގެ މެނޭޖަ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މޫބީން ޖަލީލު މިއަދު "އައްޑޫ ލައިވް" ވިދާޅުވީ އެ ބޯޓް މިހާރު އިންސްޕެކްޝަނަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މި އަހަރުގެ ޑިސެމްބަރުގެ ކުރިއަކުން އަލުން އައްޑު އަށް ދަތުރުތައް ފެށޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

"އިންސްޕެކްޝަނަށް ބޯޓް ބޭރަށް ފޮނުވައި އެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައި އެކޮޅުން ލިބޭ އިންސްޓްރަކްޝަންތަކާ އެކީ އަލުން ދަތުރުތައް ފެށޭނެ އިރަކާ ގުޅޭ ގޮތުން ސީދާ އެއްޗެއް ދަންނަވަން އެނގޭނީ ވެސް،" މޫބީން ވިދާޅުވި އެވެ. "ޑިސެމްބަރުގެ ކުރިއަކުން ފެށޭނެހެނެއް ހިއެއް ނުވޭ. ނޫނީ އަލުން ފެށިޔަސް ޑިސެމްބަރު ތެރޭގައިހެން ހީވަނީ ސްޓާޓްކުރެވޭ ވަރުވާނީ."

އޭނާ ވިދާޅުވި ގޮތުގައި މަންޓާ އެއާ އިން ރާއްޖޭގެ އެންމެ ދެކުނަށް ބާއްވަމުން އައި ދަތުރުތައް މެދުކަނޑާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އިތުރު އެހެން ތިން އެއާޕޯޓަކަށް ދަތުރުތައް ބާއްވާތީ، ކެޕޭސިޓީ ހުރި ގޮތުން އައްޑު އަށް ދަތުރުތައް ބާއްވަން ދިމާވި ދަތިތަކާ ހެދި ކަމަށެވެ.

މަންޓާ އެއާގެ ދަތުރުތައް ގަން އެއާޕޯޓަށް ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ގަ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އެއް ދުވަހު އެ އެއާލައިނުން އައްޑު އަށް ބާއްވަމުން އައިސްފައިވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ވައިގެ ހިދުމަތަށް ނުކުތް އަމިއްލަ އެއާލައިންގެ ދަތުރުތައް އަައްޑު އަށް މެދުކަނޑާލަން ޖެހުނު އިރު، ދަތުރުތައް ފެށި ދުވަހު މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު އައްޑޫ ލައިވް އަށް ވިދާޅުވެފައި ވަނީ އެ އެއާލައިންގެ ދަތުރުތައް އައްޑު އަށް މެދުނުކެނޑޭނެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ގަމަށް ދަތުރުތައް ފެށުމަކީ މަންޓާ އިން ފެށުނީއްސުރެ ވެސް ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ. ހަލީލު ވިދާޅުގައި ގޮތުގައި މަންޓާގެ ދަތުރުތައް ގަމަށް ފެށީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ބަލައި މާކެޓް ރިސާޗްތަކެއް ވެސް ހެދުމަށް ފަހު އެވެ. އަދި އެއާލައިންގެ ދަތުރައް އައްޑު އަށް ފަށައިދޭން އެދި އައްޑޫގެ ވަރަށް ގިނަ ބަޔަކު ތަކުރާރުކޮށް އެދެމުން ވެސް ދިޔަ ކަމަށް ވިދާޅުވި އެވެ.

"މި ތަނަކީ ޕޮޓެންޝަލް އޮތް ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލުރަނީ. އެހެންވެ ދަތުރުތައް ފެށީ ވަރަށްް ބޮޑު ހޯޕަކާ އެކު،" އޭނާ ވިދާޅުވި އެވެ. "ހަމަ ކަމެއް ފަށާ އުސޫލަކުން ނޫން އަޅުގަނޑުން މިކަން [ގަމަށް ދަތުރުތައް] ފެށީ."

މީގެ ކުރިން ވެސް ޑޮމެސްޓިކް ބައެެއް އެއާލައިންތަކުން ގަމަށް ދަތުރުތައް ފަށާފައި މާ ގިނަ ދުވަހެއް ނުވެ ހުއްޓާލަން ޖެހުމުގެ ތަޖުރިބާ އައްޑޫ މީހުން ކޮށްފައިވެ އެވެ.

ދެހާސް ނަވާރައިގައި ހިދުމަތަށް ނުކުތް މަންޓާ އިން އެއާ މިހާރު އޮޕަރޭޓްކުރަމުން އަންނަނީ ބ. ދަރަވަންދު އާއި ދ. އެއާޕޯޓްގެ އިތުރުން ހއ. ހޯރަފުށީ އެއާޕޯޓަށެވެ. ހޯރަފުއްޓަށް ބާއްވަނީ ޗާޓަރު ދަތުރުތަކެވެ.