ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުން އެންމެ ގިނައީ އައްޑޫގައި ކަމަށް ފުުހުން ބުނެފި އެވެ.
ލ. އަތޮޅުގައި ކުރިއަށްދާ "ވިޔަވަތި ކޮންފަރެންސް" ގައި ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނުގެ 7 އަތޮޅުގައި 2،546 މީހަކު މަސްތުވާތަކެތި ބޭނުން ކުރެ އެވެ. އަދި އޭގެ ތެރެއިން 933 މީހުން ނިސްބަތް ވަނީ އައްޑުއަށެވެ.
ފުލުހުން ބުނި ގޮތުގައި އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓްރެފިކްކުރުމުގައި 403 މީހަކު އުޅޭ އިރު، އެންމެ ގިނައިން މަސްތުވާތަކެތި ބޭނުން ކުރަނީ 18-30 އަހަރާ ދެމެދުގެ މީހުންނެވެ. އެގޮތުން މިހާތަނަށް މި އުމުރުފުރާއިން 1،847 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައިވެ އެވެ. ދެން އެންމެ ގިނައީ 31-40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ. އެ އުމުރުފުރާއިން 1،115 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުން ބުނީ މިހާތަނަށް އައްޑު ނިސްބަތްވާ މީހުން ހިމެނޭ މަސްތުވާތަކެތީގެ 3،858 ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
އެންމެ ދެކުނުގެ 7 އަތޮޅުގެ މަސްތުވާތަކެތީގެ ހާލަތަށް ބަލާ އިރު، މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ އަދަދު 300 އަށް ވުރެ ގިނަ ކަމަށް ވެސް ފުލުހުންގެ ރެކޯޑްތަކުން ދައްކަ އެވެ.
ދެކުނުން ދެވަނަ އަށް އެންމެ ގިނައިން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ގިނައީ ފުވައްމުލަކުގަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ މީހުން ތިބީ ގދ. އަތޮޅުގަ އެވެ.