ބަނގުރާ ކެއްކުމާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އައްޑޫން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހިތަދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ފަޅު ގޯއްޗެއްގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބަނގުރާކެއްކުކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާ އެކީ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 24 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ. އެ ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
މީގެ އިތުރުން ހިތަދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެ ރަށު މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހައި ދީފައިވެ އެވެ.
އަދި ހަމަ ޑްރަގް މައްސަލައެއްގައި ހުމީދޫން ވެސް މީހަކު ހައްޔަރުކޮށްދައުވެ އެވެ. އެއީ ހުކުރު ދުވަހު އެ އަވަށު ހުޅުމީދޫ ޕޮލިސް އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެ ދުވަހު 32 އަހަރުގެ ދިވެހި ފިރިހެނަކު ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާ އެއްކޮށް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.