Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ގަވާއިދާ ހިލާފުވާ ރަށު މާރުކޭޓް ގޮޅިތަކުގެ އެއްބަސްވުން އާނުކުރާނެ

ހުޅުމާލެ ރަށު މާރުކޭޓް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް ގަވާއިދާ ޚިލާފަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނިން ގާއިމްކޮށް ކުއްޔަށް ދޫކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް ހިންގުމަށް އެ ކުންފުންޏާއެކު ވެފައިވާ ގިނަ އެއްބަސްވުންތަކުގެ މުއްދަތު އައު ކުރުމަށްޓަކައި ބެލިބެލުމުން ބައެއް ޔުނިޓްތައް ގަވާއިދާ ޚިލާފަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ހިންގަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

ރަށު މަރުކޭޓުން ރައްޔިތުންނަށް އެކަށޭނެ އަގެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގު ފަހިކުރުމަށާއި މާރުކޭޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް މެދުނުކެނޑި ޚިދުމަތް ދިނުމަށްޓަކައި އެޗްޑީސީން މާރުކޭޓު ގޮޅި ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ގޮޅި ހިންގަމުންދާ ފަރާތްތަކުގެ އެއްބަސްވުން އިތުރު ހ މަސްދުވަހަށް އިތުރުކޮށް ގަވާއިދާ ޚިލާފަށް ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދީފައިވާ ގޮޅިތަކުގެ އެއްބަސްވުން އައު ނުކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ވަނީ މާރުކޭޓު ގޮޅި ކުއްޔަށް ދޫކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް ކުއްޔަށް ނަގައިގެން ހިންގާ ފަރާތްތަކާއި އެކު އެއްބަސްވުން ހެދި ގަވާއިދާ އެއްގޮތަށް މާރުކޭޓު ގޮޅި ހިންގުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުމަށްވެސް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އެހެންކަމުން ރަށުމާރުކޭޓުން ތިންވަނަ ފަރާތުގެ ގޮތުގައި ޔުނިޓް ކުއްޔަށް ނަގައިގެން ހިންގަމުންދާ ފަރާތެއްވާނަމަ އެކަން ސާބިތުކުރެވޭނެ (ކުލި ދެއްކިކަމުގެ ލިޔުން / އެއްބަސްވުން) ފަދަ ލިޔެކިޔުންތައްތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު ޔުނިޓު ބޭނުންވާ ކަމަށް އެދި މިމަހުގެ 18 ވަނަ ދުވަހުގެ 15:30ގެ ކުރިން އެ ކޯޕަރޭޝަނަށް ލިޔުމުން އެންގުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.