Last Updated: March 29, 11:09
Friday, March 29, 2024
ރިޕޯޓް

އައްޑު އާއި ޓޫރިޒަމް؛ ދޯހަޅީ ސިޔާސަތު!

އައްޑޫ ހެރަތެރޭގައި ހިންގާ ކެނެރީފް .ރިސޯޓް

އައްޑޫގެ ޓޫރިޒަމްގެ ވާހަކަ ދައްކަންވެއްޖެ ނަމަ ދައްކާނެ ބައިވަރު ވާހަކަ އެބަ ހުއްޓެވެ. ޒަމާނުއްސުރެ ވެސް އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެބައޮތެވެ. އެ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓެއްގެ ގޮތުގައި މިހާތަނަށް ޤަވާއިދުން އެންމެ ގިނަ ދުވަހު ޖައްސަނީ ސްރީލަންކަން އެއާލައިންސްއެވެ. އެއާޕޯޓު އޮތް ގޮތައް އޮތަސް ފަތުރުވެރިން އަންނަ ވަރެއް ނުވެއެވެ. ކޮންމެވެސް މައްސަލައެއް އެބަ އުޅޭތާ އެވެ.

އެއާޕޯޓުގެ ވާހަކަ އިހަށް ބާއްވާފައި މި ގޮތަށް މި ވާހަކަ ދައްކަން ފެށި ސަބަބާ ދިމާލަށް ޖެހިލާނަމެވެ. ކުރީގެ މިނިސްޓަރު އަދި މިފްކޯގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރެއްވި އާދިލް ސަލީމް އަކީ ރާއްޖެ ތެރޭގެ މީހުން އެހާ ގަޔާވާ މީހެއް ނޫނެވެ. މިކަން މިހެންވީ އާދިލް މީސް މީޑިއާގައި ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. މިފަހަރު އާދިލް ވަނީ އައްޑޫ މީހުންނަށް ޓޫރިޒަމް ގެންނަން ނޭނގޭތޯ ސުވާލު އުފައްދައިފަ އެވެ. އޭނާ ބު ނާގޮތުން އެއާޕޯޓު އެބައޮތެވެ. ރިސޯޓު އެބަތިއްބެވެ. އެންމެ ކުޑަމިނުން ކައިރީގައި އޮތް ހުވަދޫގައި ވެސް ރިސޯޓުތައް ތިބިއިރު، ޓޫރިޒަމް ގެންނަން އައްޑޫ މީހުންނަށް ނޭނގިގެންތޯ ސުވާލުކޮށްފައެވެ.

އާދިލްގެ މި ވާހަކަ އަށް ބަލާ ކަމަށްވާ ނަމަ އަސާސެއްގެ ގޮތުން އާދިލް އެބުނި ކަންކަން އެބަހުއްޓެވެ. ނަމަވެސް އެއާޕޯޓާއި ރިސޯޓު ހަމައެކަނި ހުރެގެނެއް ފަތުރުވެރިން ނުގެނެވޭނެ އެވެ. އައްޑޫގައި 3 ރިސޯޓު، 17 ގެސްޓް ހައުސް، 1 ހޮޓެލް، 6 ޑައިވް ސެންޓަރު އަދި 36 ޓްރެވެލް އޭޖެންސީ ރެޖިސްޓްރީކުރެވިފައިވެ އެވެ. އެހެންވިއަސް އައްޑުއަކަށް ޕީކް ސީޒަނުގައި ވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް ޓޫރިސްޓިން ނާދެ އެވެ. މީގެ ގިނަ ސަބަބުތައް އެބަހުއްޓެވެ.

ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ނޫހަކަށް ދިން ބަސްތީގަތުމެއްގައި މީގެ ކުރީން ވިދާޅުވީ، އައްޑު އަށް ޓޫރިސްޓުންނަށް ނާންނަ އެއް ސަަބަބަކީ ދަތުރު ފަތުރުގެ މައްސަލަ އެވެ. އައްޑު އަށް އިންޓަނޭޝަލް ފްލައިޓުތައް ނާދެއެވެ. ނާންނަނީ އައްޑޫގައި ބެޑް ކެޕޭސިޓީ ނެތުމުން ކަމަށް ޓުއަރިމް މިނިސްޓަރު ވިދާޅުވި އެވެ. މިކަން ހައްލު ކުރުމަށް ހުވަދު އާއި އައްޑޫ އަދި ފުވައްމުލައް ގުޅޭ ގޮތަށް ޕެކޭޖްތަކެއް ހަދައި އިސްތިހާރު ކުރާ ވާހަކަ މިނިސްޓަރ ދެއްކިއެވެ. ނަމަވެސް އެކަމެއްވެސް ކުރިއަށް ނުދެއެވެ.

ހަޤީޤަތުގައި މައި ސަރުކާރުން މިހާތަނަށް ގެންގުޅުނު ދޯހަޅި ސިޔާސަތުތަކާއި އެކު އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރެވޭނެ ރަނގަޅު ގޮތެއް ނެތެވެ. މިހާރު އޮތް އެމްޑީޕީ ސަރުކާރުގެ ވަޢުދަކީ 8،000 އެނދު އައްޑޫގައި ތަރައްޤީކުރުމެވެ. އޭގެ ތެރެއިން 4،000 އެނދު ތަރައްޤީ ކުރަން އައްޑޫގެ 5 ސަރަހައްދުގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްޤީކޮށް ބިން ތަކެއް މިހާރުވެސް ވަނީ ހަވާލުކޮށްފަ އެވެ. މީގެ ތެރެއިން ބިމެއްގައި ކިރިޔާވެސް މަސައްކަތެއް ފެށިފައި ހުރީ ހިތަދޫ ޒޯނުގަ އެވެ. މީގެ އިތުރުން މި ޒޯންތަކުގެ ތެރެއިން ބައެއް ޒޯންގެ ލޭންޑް ސްކޭޕިން މަސައްކަތް ވެސް ނުނިމެއެވެ.

މިހާރު ކަންތައް ދާ ގޮތުން މިދައުރު ނިމޭއިރު ވެސް މިއިން ތަނެއްގައި ގެސްޓް ހައުސްއެއްގެ މިންވަރު ވެސް ލޮލަށް ފެންނާނެ ކަމުގެ އުއްމީދެއް ނެތެވެ.

ދެން އޮތީ ރިސޯޓު ތަކުގެ ވާހަކަ އެވެ. ކޯވިޑަށް ފަހު އައްޑޫގައި އޮތް 3 ރިސޯޓުގެ ތެރެއިން މަތީ ފެންވަރުގައި ހިންގަން އޮތް ޝަންގްރިއްލާ ރިސޯޓު އަދި އަދަށް ދާންދެން ނުހުޅުވެއެވެ. އެ ރިސޯޓު ވިއްކާލުމަށް ޝަންގްރިއްލާއިން ނިންމާފައިވާ އިރު، އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ސަރުކާރުންވެސް ވަނީ ނިންމާފައެވެ. އަދި މިކަމަށްޓަކައި ޓުއަރިޒަމް ޤާނޫނުވެސް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ވަނީ އިސްލާހުކޮށްފައެވެ. އެހެން ކަމުން އެރިސޯޓުވެސް އެއޮތީ ވާނުވާގަ އެވެ. ދެން ހުރި ރިސޯޓުތައް ވެސް ހުހަށް އޮވެ ބޮޑެތި ގެއްލުން ވަނީއެވެ.

ގަން އެއާޕޯޓަކީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ރައުސުލްމާލޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ނަމަވެސް މިތަން އެދެވޭ ގޮތަށް ބޭނުން ކުރެވޭކަށް ނެތެވެ. އިންޑިއާގެ އެހީއާއެކު ގަން އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު، މި މަސައްކަތް ވެސް މިހާތަނަށް ހަވާލު ނުކުރެވެ އެވެ. ހަމަ އެކަނި ކުރެވިފައި ވަނީ ދިރާސީ އަދި އިދާރީ މަސައްކަތެވެ. ގަން އެއާޕޯޓު ތަރައްޤީ ވެގެން ނޫނީ ފަތުރުވެރިން ގެންނަ ބޮޑެތި ފްލައިޓުތަކުން ގަމުގައި ފުރިހަމަ ޙިދުމަތެއް ނުދެވޭނެ އެވެ.

މިއީ އައްޑޫގެ ހާލަތެވެ. މި ހާލަތުގައި އޮތް ތަނަކަށް ފަތުރުވެރިން މާލެއިން އަންނަން ބަލާއިރުވެސް ފަތުރުވެރިއެއްގެ އަތުން ޓިކެޓަށް އާންމު މީހާ އަތުން ނަގާ ވަރަށް ވުރެ ދެގުނަ އިތުރަށް އެބަ ނަގައެވެ. އެހެންވީއްޔާ މިއީ އައްޑޫ މީހުންނަށް ޓޫރިޒަމް ގެންނަން "ނޭނގިގެން" ވެގެން އުޅޭ ކަމެކޭ ބުނެ ފަރުޖައްސާލެވޭކަށް ނެތެވެ. އައްޑޫގައި ޓޫރިޒަމް ތަރައްޤީ ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަން ވަޢުދުވާ ކަމެކެވެ.

އެހެނަސް އެކަންތައް ދިގުލައި ކޮޅެއްގައި ނުޖެހި ވެރިކަން ބަދަލުވަނީ އެވެ. ދެން އަންނަ ބަޔަކު އެކަން ކުރާ ސިޔާސަތު ތަފާތު ވަނީ އެވެ. ދެމެހެއްޓެނިވި މަސައްކަތެއް ހަޤީޤަތުގައި ކުރެވިފައި ނެތީ އެވެ. އަދި މިހާތަނަށް ކުރަން ބުނެ ނުވެސް ވަނީ އެވެ.

އައްޑޫ މީހުންނަކީ ޓޫރިޒަމް ދައިރާގައި މިހާރު ވެސް ރާއްޖެ އަށް ބަލާލި ކަމުގައިވިއަސް ނަން ހިނގާ ބައެކެވެ. އެތަކެއް ޙިދުމަތެއް ކޮށްދީފައިވާ އަދި މިހާރު ވެސް އެ ދައިރާގައި ފަޙުރުވެރިވާ ފަދަ މަޤާމުތަކުގައި މަސައްކަތް ބެއެކެވެ. އައްޑޫ މީހުންނަށް ޓޫރިޒަމް ނުގެނެވިގެން އުޅެނީ ދޯ ހަޅި ސިޔާސަތުތަކުގެ ސަބަބުންނޭ ބުނަން ޖެހެނީ މިހެންވެ އެވެ. އާދިލް ބުނި ގޮތަށް ގެންނަން ނޭނގިނެއް ނޫނެވެ. ގެންނަން ކަޑައްތުކުރަން ޖެހޭ ގޮންޖެހުންތައް ގިނައީ އެވެ.