އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއާ ގުޅިގެން ޕްރިމިއާ ލީގުގެ ބައެއް މެޗުތައް ފަސްކުރަން ނިންމައިފި އެވެ.
ރާނީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
ޕްރިމިއާ ލީގުގެ ބައެއް މެޗުތައް ފަސްކުރީ ރާނީގެ ޖަނާޒާގެ ކުރިން ހަމަޖައްސަންޖެހޭ އިތުރު އިންތިޒާމުތައް ހަމަޖެއްސުމުގައި ފުލުހުން ހަރަކާތްތެރިވާން ހަމަޖެހިފައިވުމުން ލީގުގެ މެޗުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަކަށް ފުލުހުން ނެތުމުންނެވެ.
އެގޮތުން ފަސްކުރަން ނިންމި މެޗުތަކަކީ އަންނަ ހަފްތާގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗާއި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރާ މެޗުގެ އިތުރުން ކްރިސްޓަލް ޕެލެސް އާއި ބްރައިޓަން ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗެވެ.
މި ތިން މެޗު ފަސްކުރި ނަމަވެސް އަންނަ ހަފްތާގައި ލީގުގައި ކުޅުމަށް ހަމަޖެހިފައިވާ 10 މެޗުގެ ތެރެއިން 7 މެޗުގެ ކުޅުން ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. އަދި ފަސްކުރި މެޗުތައް ދެން ކުޅޭނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް ޕްރިމިއާ ލީގުން ބުނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރާނީ އަވަހާރަވުމުން މި ހަފްތާގައި ކުޅެން ހަމަޖެއްސި ޕްރިމިއާ ލީގުގެ މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.