ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު މަދު މެމްބަރުން ހާޒިރުވެ ތިބުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުނުއިރު މަޖިލީހަށް ހާޒިރުވެ ތިއްބެވީ 24 މެމްބަރުންނެވެ. އަދި ސަލާމުގައި 6 މެމްބަރުން، ރަސްމީ ދަތުރުގައިފުޅުގައި 3 މެމްބަރުން ތިއްބެވި ކަމަށް ރިޔާސަތުން ހާމަކޮށްފަައިވެއެވެ.
މަދު މެމްބަރުން ޖަލްސާ ފެއްޓުނުއިރު ހާޒިރުވެ ތިއްބެވުމުން، އެކަމާ ހިތްހަމަޖެހިވަޑައިނުގެން ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ، މިއީ 87 އިދާރީ ދާއިރާއަށް އެކުލެވިގެން އިންތިހާބު ކުރެވިފައި އޮންނަ މަޖިލީހެއް ކަމަށެވެ.
"އެހެންނަމަވެސް 87 މެމްބަރުންގެ މަޖިލީހެއްގައި އަދި ގަވައިދުން މުސާރަ ލިބެމުންދާ ތަނެއްގާ، ހެނދުނުގެ ޖަލްސާ ފަށާއިރު 24 މެމްބަރުން ތިބުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބަށް އަޅުގަނޑުމެންނަށް ފަރުވާތެރިކަން ނުބެހެއްޓެނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެއްޓުނުފަހުން މަޖިލީހުގެ ޖަލްސާތައް ފައްޓާއިރު ތިއްބަވަނީ މަދު މެމްބަރުންނެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހަލުވި ކުރުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކޮށް ރައީސް ނަޝީދު ވަނީ، ބިލުތަކުގެ މަސައްކަތްތަކުގައި މެމްބަރުން ގިނަ ވަގުތު ހޭދަކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ކޮމިޓީތަކުގެ މަސައްކަތްތައް ހަލުވިކޮށް، އަވަހަށް ވީހާވެސް ގިނަ މަސައްކަތް ނިންމުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.