Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ވޮލީގެ އޮފިޝަލުންނަށް އެލަވަންސް ނުދޭ!

މި އަހަރުގެ ބޮޑު އީދާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން "އައްޑޫ އީދި ސަމާ" ގެ ނަމުގައި ބޭއްވި އިވެންޓްގެ ތެރޭގައި ހިމެނޭ ބޮލީ މުބާރާތުގެ އޮފިޝަލުންނަށް އެލަވަންސް ނުދީގެން އުޅޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ދެޖިންސްގެ މީހުން މިކްސްކޮށް މަރަދޫފޭދޫގައި ބޭއްވި ވޮލީ މުބާރާތުގެ އޮފިޝަލުންގެ ގޮތުގައި ނުވަ ވަރަކަށް ރެފްރީން ވެސް މަސައްކަތްކޮށްފައިވާ އިރު، އެ މީހުންނަށް ދޭން ބުނި އެލަވަންސް މިހާތަނަށް ލިބިފައި ނުވާ ކަމަށް ބައެއް ރެފްރީން ބުންޏެވެ. "އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ރެފްރީންތަކެއް ބުނީ އެލަވަންސް ނުލިބިގެން އެ ޝަކުވާ މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ފަރާތްތަކާ އެކި ފަހަރު މަތިން ހިއްސާކޮށްފައިވާ ކަމަށެވެ.

"އެކަމަކު އަދިވެސް އެ ލިބޭނެކަމުގެ އެއްވެސް އިޝާރެއް ނުލިބޭ. އީދި ސަމާ ނިމިގެން ދިޔަތާ އެތައް ދުވަހެއްވީ އިރު ވެސް އަޅުގަނޑުމެންނަށް ލިބެން ޖެހޭ އެލަވަންސް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް." ރެފްރީއަކު ބުންޏެވެ.

ބައެއް ރެފްރީން ތުހުމަތުކޮށްފައިވާ ގޮތުގައި އެ މީހުންނަށް ދޭން ޖެހޭ އެލަވަންސް ދީފައި ނުވަނީ "އީދި ސަމާ" އަށް ކައުންސިލުން ހަމަޖެއްސި ބަޖެޓުން ނާޖާއީޒު ހަރަދުތަކެއްކޮށް ބަޔަކު އަމިއްލަފައިދާތަކެއް ވެސް ނަގާފައިވާތީ އެވެ.

މަރަދޫފޭދޫގައި ބޭއްވި ވޮލީ މުބާރާތަކީ އެ އަވަށު އޮފީހާއި އެވަށު ޔޫތު ސެންޓަރުގެ ބެލުމުގެ ދަށުން ކައުންސިލުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ރެފްރިންގެ އެލަވަންސްގެ މައްސަލާގައި ޔޫތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އޮފިޝަލުންގެ އެލަވަންސްގެ ނުދެވިގެން އުޅެނީ އެކަމާ ގުޅޭ ގޮތުން ހޯދަން ޖެހޭ ކޯޓޭޝަންތަކާއި އަދި ބަޖެޓްގެ ތާށިކަމާ ހެދި ކަމަށެވެ.

"އޮފިޝަލުންގެ ފަރާތުން ޝަކުވާތައް ލިބޭތީ އަޅުގަނޑުމެން ވެސް އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި އޮންނާނީ. އެކަމަކު ކައުންސިލަށް ވެސް ބަޖެޓްގެ ތާށިތަކެއް ދިމާވެގެން އުޅޭ ކަމަށް ބުނެފައި އޮތީ." އޭނާ ވިދާޅުވި އެވެ.

ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށް ދޭން ނިންމި އިނާމުތައް ވެސް ދީފައި ވަނީ މުބާރާތް ނިމުނުތާ އެތައް ދުވަހެއް ފަހުންނެވެ. ނަމަވެސް ރެފްރީންނަށް ދޭން ޖެހޭ އެލަވަންސް ނުދީ އަދިވެސް ލަސްކުރާތީ ކައުންސިލަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.

"އައްޑޫ އީދި ސަމާ" އަކީ މުޅި އައްޑު އަށް ބަހާލައިގެން ކުލަގަދަކޮށް ބޮޑު އީދު ފާހަފަކުރަން ބޭއްވި ހަރަކާތެކެވެ. އެގޮތުން ޖުލައި 7-14 އަށް ވަރަށް ގިނަ އެކިއެކި މުބާރާތްތައް ވެސް ބޭއްވި އެވެ. "އީދި ސަމާ" އަށް ކައުންސިލްގެ ބަޖެޓުން 200،000ރ. ހޭދަކުރި އިރު، ސްޕޮންސަރުންގެ ފަރާތުން 1.5 މިލިއަން ރުފިޔާ ހޯދި ކަމަށް އެނގިފައިވެ އެވެ.