އެ ބޭފުޅާއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި، ޤާސިމް ނޫން ބޭފުޅަކު ޖޭޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނުކުމެދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޤާސިމް ވިދާޅުވީ އެސުވާލަށް އާންއެކޭ އަދި ނޫނެކޭވެސް ދަންނަވަން ނޭނގޭ ކަމަށާއި، އެއީ ހަގީގަތުގައިވެސް އެކަން ނޭނގޭތީ ކަމަށެވެ.
"އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން، އަޅުގަނޑަކީ އިސްލާހަށް މަސައްކަތްކުރި މީހެކޭ އަބަދުވެސް އަޅުގަނޑު ދަންނަވަނީ. އަޅުގަނޑު މިހާރުވެސް މިކުރަނީ އިސްލާހުގައި ކުރާ މަސައްކަތް." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އޭނާއަކީ ސިޔާސީ މީހެއްނަމަ، އޭނާ ހުންނަވާނީ ވެރިކަމުގައި ކަމަށެވެ. އަދި ސިޔާސީ މީހަކަށް ވާން ބޭނުން ނުވަނީ ސަބަބުތަކަކާ ހެދި ކަމަށާއި، މިއަދު މިހާ ފަހަތަށްޖެހި ހުންނަނީ ވެސް އެހެންވެކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އިސްލާހީކަންތައްތައް ކުރިއަށް ގެންދެވޭނީ ކޮންކަމެއް ކޮށްގެންތޯ ވިސްނުމަށްފަހު އެކަމެއްގައި ހުންނަން މަސައްކަތް ކުރައްވާކަމަށެވެ. އިސްލާހު ކުރުމަށްޓަކައި ބުނަންވީ ބަސް ބުނެވޭނީ އޭރުން ކަމަށާއި، އިސްލާހީ ފިޔަވަޅު އެޅޭނީ އޭރުން ކަމަށް ޤާސިމް ވިދާޅުވިއެވެ.
މިއަދާހަމައަށް ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި ހުންނެވީ ވަރަށް އުފަލުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ. ލިބުނު އާމްދަނީއެއްގެ 60 އިންސައްތަ ހޭދަކުރީ ގައުމަގެ ކުރިއެރުމާ، މީހުންނަށް ކިޔައިދީ އެހީތެރިވުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އާމްދަނީން އިންވެސްޓް ކުރީ 40 ޕަސެންޓް ކަމަށް ޤާސިމް ވިދާޅުވިއެވެ.