އޮސްޓްރޭލިއާގެ މީހަކު އޮޅުކޮށްގެން ގެންގުޅުނު ކެންގަރޫއެއް އޭގެ ވެރިމީހާ އަށް ހަމަލާ ދީ މަރާލައިފި އެވެ.
މީޑިއާތަކުން ބުނީ އިއްޔެ ރެޑްމޮންޑްގައި ހިނގި ހާދިސާގައި މަރުވީ ޕެޓެއްގެ ގޮތުގައި ކެންގަރޫ ގެންގުޅުނު އުމުރުން 77 އަހަރުގެ ފިރިހެނެެއް ކަމަށެވެ.
އޭނަގެ އާއިލާގެ މީހަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ކެންގަރޫ ދިން ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ވަގުތުން ޕެރަމެޑިކަށް ވެސް ގުޅި ކަމަށެވެ. އަދި އެ މީހުން އައިސް އަނިޔާވި މީހާ އަށް ފަރުވާދޭން އުޅުމުން އެކަމަށް ވެސް ކެންގަރޫ ހުރަސް އެޅި ކަމަށާއި އެހެންވެ އެ މީހުންގެ ސަލާމަތާއި ރައްކާތެެރިކަމަށްޓަކައި ވެސް ބަޑިން ހަމަލާދީގެން ކެންގަރޫ މަރާލި ކަމަށެވެ.
އަނިޔާވި މީހާ މަރުވީ ފަރުވާދެމުން ދަނިކޮށެވެ. މި ހާދިސާ ފުލުހުންނަށް ވެސް ރިޕޯޓްކުރި އެވެ.
ކެންގަރޫ އަކީ އޮސްޓްރޭލިއާ އަށް ހާއްސަ ޖަނަވާރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްޗެކެވެ. އަދި އެ ގައުމުގައި އޭގެ އާބާދީ 50 މިލިއަނަށް އަރަ އެވެ.
މީހުންނަށް ކެންގަރޫ ހަމަލާ ދިނުމަކީ އެހާ އާންމު ކަމެއް ނޫނެވެ. އަދި އިއްޔެގެ ހާދިސާ އަކީ ފާއިތުވި 86 އަހަރުގެ ތެރޭގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ އެވެ.