Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ކޯލިޝަން އެއްބަސްވުމުގެ 90 ޕަސެންޓް ނުލިބޭ: ޤާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޤާސިމް އިބްރާހިމް - ފޮޓޯ: ސަން / ފިޔާޒް މޫސާ

ސަރުކާރު ކޯލިޝަންގައި ދެމި އޮތްނަމަވެސް އެއްބަސްވެފައިވާ މިންވަރާ ގާތަށް ވެސް ކަންކަން ނުކުރާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ޤާސިމް ވިދާޅުވީ ކުރީގެ ކޯލިޝަންތަކާ ހިލާފަށް ރައީސް ސޯލިހް ކޯލިޝަން ދަމަހައްޓަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްބަސްވެގެން ސޮއިކުރި ކަންކަމުގެ ދިހަ ޕަސަންޓު ވެސް ނުލިބޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ހަގީގަތަކީ އެއްބަސްވެފައިވާ އެއްބަސްވުމާ، 90 ޕަސެންޓް ވެސް އޮތީ ފުލްފިލްނުވެ. 10 ޕަސެންޓް ހަމައެކަނި ފުލްފިލްކޮށް މިދަނީ." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގެ އަދަދަށް ބަލާއިރު، ގާތްގަނޑަކަށް 10 ޕަސެންޓްވެސް ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން ޕާޓީތަކަށް ލިބިފައި ނެތްކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއި ކުރެއްވި ކުރެއްވުމާ ގާތަށްވެސް ކަންކަން ނުދާ ކަމަށާއި، 90 ޕަސެންޓް ކަންކަން ދަނީ އެއްގޮތް ނުވެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ވެރިކަމަށް އާދެވެނީ ބަޔަކާއެކު ކޯލިޝަން ހަދައިގެންކަން ފާހަގަކޮށް ޤާސިމް ވިދާޅުވީ އެހެންނޫނީ ވެރިކަމަށް އައުމުގެ ފުރުސަތު ނެތްކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް އާދެވުމުން އެކަން ހަނދާންނެތޭ ކަމަށް ވިދާޅުވިއެވެ.

"މިސަރުކާރުގަ ކިރިޔާވެސް ސަހަލު ކަމެއް މިއޮތީ. އެއީ އަދި ފޮޅައެއް ނުލާ އަޅުގަނޑުމެންނެއް." ޤާސިމް ވިދާޅުވިއެވެ.

ކޯލިޝަން އެއްބަސްވުމުގެ ކަންކަން ފުރިހަމަނުވާކަން ހާމަކޮށް ޤާސިމް ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.

2023 ގެ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ކޯލިޝަނާއެކު ކުރިމަތިލައި އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.