Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ބޯހިމެނުމަށް ރައްޔިތުން އެއްބާރުލުން ދީ: ރައީސް

ފޮޓޯ: ރައީސް އޮފީސް

ބޯހިމެނުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބޭފުޅުން މަސައްކަތް ކުރައްވާ ދަރުބާރުގެއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަމަށެވެ. އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސް ސޯލިހް އެދިވަޑައިގެންފައިވެއެވެ.

ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކާ އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އަދި ބޯހިމެނުމަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމުގައިވެސް ވިދާޅުވިއެވެ.

ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ. މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14 ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފުސީލު މައުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށެވެ. މިފަހަރުގެ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.